ދައްކަން މިއުޅެނީ ރާއްޖޭގެ ކުޅިވަރުގެ ތާރީހުގެ ކަޅާއި ހުދުގެ ތަސްވީރު ތަކެއްގެ ވާހަކައެވެ. ހިރަފުހުގެ ދާނެއްގައި އޮތްވާ ޖެހިލި ވައިރޯޅިއަކުން ކުލަ ބަދަލުވި ތަސްވީރުތަކެއްގެ ވާހަކައެވެ.
މި ދަންނަވަނީ ރާއްޖޭގައި ފަސްއަޅާ ފޮރުވެމުން ދިޔަ އޮށަކަށް ފެންދީ އެއަށް ދިރުން ލިބުނު ވޮލީގެ ވާހަކައެވެ. މާޒީގައި ކަޅު ސަފްހާ ތަކެއް ލިޔެވުނު ނަމަވެސް މިއަދު ކުޅިވަރުގެ ދުނިޔޭގައި ފަތުއަޑު ކިޔާފައި އާ އުސްމިންތަކަކަށް އުދުހެމުން އަންނަ ވޮލީ އަކީ ރާއްޖޭގައި މަގުބޫލުކަން ކަށަވަރު ކުރަމުން އަންނަ ކުޅިވަރެކެވެ.
މިވާހަކަ ނުދައްކައި ވާކަށް ނެތެވެ. އިއްޔެ ނިމުނު އިންޓަރ ސްކޫލްގެ ފޯރިގަދަ މެޗްތައް ބަލައިލިން ހެއްޔެވެ؟ ނެޓުން މައްޗަށް އަރާ ސްޕައިކަށް އެފޮނުވާލަނީ އަލިފާނުގެ ހަމަލާތަކެވެ. ބައެއްފަހަރު އިދިކޮޅު ޓީމުން އަމިއްލަ ރައްކާތެރިކަމަށްޓަކައި ދިފާއު ނުކުރާ ކަހަލަ ހަމަލާތަކެވެ.
އެއީ ޤައުމީ ފެންވަރުގެ ހަމަލާތަކެއްތޯ މުޖުތަމައުގެ ފަރުދުންނަށް ނޭނގި ނަމަވެސް ސުވާލުކުރެވުނެވެ. ކުޅެން އަރައި ތިބި 13 14 އަހަރުގެ ކުދިންގެ ހިތްވަރާއި މިންނަތާއި ބުންވަރުން ހާމަވެގެން ދިޔައީ އެކުދިންގެ ގާބިލުކަމެވެ. ވޮލީ އަށް އޮތް ޝައުގެވެ. ވޮލީ އަކީ ކުރިއަރުވަން ޖެހޭ ކުޅިވަރެއް ކަމެވެ.

ގައުމީ އަންހެން ވޮލީޓީމް މެޗެއްގެ ތެރެއިން އުފާފާޅު ކުރަނީ، /ފޮޓޯ: ސިޑިބަރި
އެހެންނަމަވެސް މިއީ އިހުގައި ރާއްޖެއަށް ވިސްނިފައި ނުވާ ކަމެކެވެ. ރާއްޖޭގެ އާބާދީއަށް އެންމެ ފަރިތަ ނަމަކަށް ވަނީ ފުޓުބޯޅަ އެހެންނޫނީ ހޭންޑްބޯޅައެވެ. އިންޓަރ ކުލާސް އިން ފެށިގެން ގައުމީ ފެންވަރުގައި ވެސް ކުޅެވެމުން ދިޔައީ ހަމަ މި ކުޅިވަރުތަކެވެ. ރާއްޖެ ތެރޭގައި އެހާ ނަން މަޝްހޫރު ނުވިޔަސް އޭރުވެސް ވޮލީ އަށް ޝައުގު ހުންނަ، ވޮލީ ކުޅެން މޮޅު، ވޮލީ އިތުރަށް ކުރިއަރުވަން ބޭނުންވި ބަޔަކު ތިބި ކަމެއް ފަހުމް ވެފައެއް ނުވެއެވެ. މިއީ ބަޔަކު މީހުންގެ އިހުމާލުންވީ ކަމެއް ތޯ ނޫނީ ހަމަ ހަގީގަތުގައި ވެސް ވޮލީ ކުޅެވޭ ފަދަ ޤާބިލު ކުޅުންތެރިން ނެތީތޯއޭ އުފެދޭ ސުވާލާ މެދު ބަހުސް ކުރުމަކީ ބޭކާރު ކަމެއް ކަމުގައި ދެކެމެވެ.
ވޮލީ އަކީ އަބަދުވެސް ކުޅެވެމުން ދިޔަ ކުޅިވަރެއް. އެހެންނަމަވެސް އިހުގައި ކުރިއަރާފައި ނުވާ ކުޅިވަރެއް. މިހެން ދިމާވި ސަބަބަކީ މުޖުތަމައުއަށް އޮތް ހޭލުންތެރިކަން ކުޑަވީމަ. ވޮލީ މުބާރާތެއް ކުޅެލިޔަސް އެކަން ދަންނަނީ ގިނަ ފަހަރަށް މުބާރާތް ކުޅޭ މީހުން އެކަނި. ޓީވީ ތަކުން ބްރޯޑްކާސްޓް ކޮށް ވޮލީ މުބާރާތުގެ މަންޒަރުތައް ފެތުރުން އޭރު އާންމު ވެފައެއް ނުވޭ. އެކަމަކު މިއަދު އަތޮޅުތަކަށް ގައުމީ ފެންވަރުގެ ކުޅުންތެރިން މުބާރާތްތައް ކުޅެން ގޮސް އުޅޭއިރު ބަލަން ހުންނަ ކުޑަ ކުއްޖާ ވެސް އެ ކުޅުންތެރިޔާގެ ހުނަރު ހޯދުމަށް ޝައުގުވެރިވޭ -މިހާރު ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗް ޝަރަފް-
މިއަދު އަޅުގަނޑުމެންގެ މަހަލްދީބުގެ ޖައްވުގައި އެއް އަޑަކަށް އެކޯވެފައި ވަނީ ވޮލީގެ ފޯރިއެވެ. އުތުރުން ފެށިގެން ދެކުނާ ހަމަޔަށް ކުޅެވެމުންދާ އަދަދުނުކުރެވޭހާ އެކިއެކި ފެންވަރުގެ މުބާރާތްތަކުގެ ޖޯޝެވެ. ދަނޑުފޯރީގައި އިވޭ ސަޕޯޓަރުންގެ ކޯޅުންތަކެވެ. ރަމްޒުކޮށްދެނީ ހަމަ އެންމެ ކަމެކެވެ. ވޮލީއަށް އަށް އޮތް ތަރުހީބެވެ.
2024 ވަނަ އަހަރަށް އިރުއޮއްސެނީ، ދިވެހިރާއްޖޭގައި ގައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވޮލީގެ އެތައް މުބާރާތްތަކެއް ބޭއްވިގެންނެވެ. ހަމައެކަނި ބައިވެރި ވިކަމުގެ ވާހަކަ ހިއްސާކޮށްލާފައި ނިންމާލެވޭކަށް ނެތެވެ. ދިވެހިރާއްޖޭގެ ގައުމީ ޓީމު ވަނީ ބައިންލްއަގްވާމީ މުބާރާތްތަކުގައި ރަން ވަނަތަކެއް ހާސިލުކޮށް އޭޝިއާ ބައްރުގައި ނަން ފާހަނގަ ކޮށްލެވޭ ފަދަ ގައުމަކަށް ވެފައެވެ.

ޒުވާން ގައުމީ ވޮލީޓީމް/ ފޮޓޯ: ސިޑިބަރި
އެގޮތުން ބައިނަލްއަގްވާމީ ފެންވަރުގެ ބީޗް ވޮލީބޯޅަ މުބާރާތުން ރަން މެޑަލް ހޯދައި އަންހެން ޓީމް ވަނީ ވޮލީބޯޅަ މުބާރާތްތަކުން ވެސް 2 ރިހި މެޑަލް އާއި 1 ލޯ މެޑަލް ހޯދާފައެވެ. ވޮލީގެ ތާރީހަށް ބަލާއިރު މިއަދާ ހަމަޔަށް ރާއްޖެ ވަނީ މުޅި ޖުމްލަ 14 މެޑަލް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެންމެ ފަހުން ބޭއްވުނު ކާވާ (ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން) ވިމެންސް ޗެލެންޖް ކަޕް 2024 ގައި އަންހެން ސީނިއަރ ޓީމު ބައިވެރިވެ ރިހި މެޑަލް ހޯދާފައިވާއިރު ރާއްޖެ ޓީމުގެ ޖޫޒާން ޒަރީރު ވަނީ އެންމެ މޮޅު ސެޓަރގެ މަގާމު ހާސިލުކޮށްފައެވެ. އަދި ހަމަ އެ ޓީމުގެ ޝަހާ ޝާމިން ވަނީ އެންމެ މޮޅު އޮޕޮސިޓް ޕްލޭޔަރގެ މަގާމު ހާސިލުކޮށް މުޅި ގައުމަށް ރީތި ނަން ހޯދައި ދީފައެވެ.

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން މުބާރާތުގެ އެންމެ މޮޅު އޮޕޮސިޓް ޕްލޭޔަރގެ މަގާމް ހޯދި ޝާހާ ފޮޓޯ/ސިޑިބަރި
2024 ވަނަ އަހަރު ދިވެހިރާއްޖެއަށް އިންޓަނޭޝަނަލް 3 މުބާރާތް ހޯސްޓް ކުރަން ލިބުމަކީ ރާއްޖޭގައި ވޮލީ ކުރިއެރުވުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް. ރާއްޖޭގެ އެކި ކަންކޮޅުތަކުން ސްކްރީން ހަރުކޮށްގެން އެ މުބާރާތް ބަލަމުން ދިޔައީ. އަޅުގަނޑުމެންނަކީ ސަރަހައްދީ ވޮލިގައި ނަން ފާހަނގަކޮށްލެވޭނެ ފަދަ ގައުމެއް. ކުރިއަށް އޮތް ދެ އަހަރުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އުންމީދަކީ ރާއްޖޭގައި ވޮލީ މިއަށްވުރެ ބޮޑަށް ކުރި އަރައިގެން ދިއުން -ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް-
މިހާރު އެކުލަވާލައިފައިވާ ސީނިއަރ ގައުމީ އަންހެން އަދި ފިރިހެން ޓީމުގެ އިތުރުން 2024 ވަނަ އަހަރު ޖޫނިއަރ ފިރިހެން އަދި އަންހެން ގައުމީ ޓިމެއް ވެސް ވަނީ އެކުލަވައިލައިފައިވެއެވެ. އަދި ފާހަނގަކޮށްލަން ޖެހޭ ކަމަކީ ޖޫނިއަރ ޓީމުގައި ކުޅޭ ބައެއް ކުޅުންތެރިން ސީނިއަރ ޓީމަށް ވެސް ކުފޫ ހަމަވެ ސީނިއަރ ޓީމުގެ މެޗްތަކުގައި ވެސް ކުޅެމުންދާކަމެވެ.
ވޮލީގައި މިހާ ޒުވާން ހުނަރުވެރިން ފެނުމަކީ ހަގީގަތުގައިވެސް ހިތްވަރު ލިބޭ ކަމެއް! މި ކުޅުންތެރިން ދެއްކި ހުނަރާއި ޖޯޝާއި ހިތްވަރަކީ ހަމައެކަނި އެ ކުޅުންތެރިންގެ ފަރުދީ ގާބިލުކަން ދައއްކުވައިދޭ ކަމެއް ނޫން. ކޯޗުންނާއި ސްކޫލްތަކާއި އާއިލާތަކުން ކުރާ ބުރަ މަސައްކަތް ވެސް ދައްކުވައިދޭ ކަމެއް. މި ދަރިވަރުން ކުޅޭތަން ބަލާފަ އެއީ އަންނަން އޮތް ޖީލު އާ އުސްމިންތަކަކަށް ގެންދަން ތައްޔާރަށް ތިބި ބައެއްކަން ހާމަވެގެންދިޔަ. މި ޒުވާން ކުޅުންތެރިންނަށް އެހީތެރިކަން ފޯރުކޮށްދީ، އެ ކުޅުންތެރިންގެ ހުނަރު ތަރައްގީކޮށް މަތީ ފަންތީގައި ވާދަކުރުމުގެ ފުރުސަތުތައް ފަހިކޮށްދެމުން ގެންދިއުން މުހިންމު. މީގެ އިތުރުން ސްކޫލު ފެންވަރުގެ ކޯޗުންނަށް އެހީތެރިކަން ފޯރުކޮށްދީ، ހަރުދަނާ ކޯޗިންއަށް ބޭނުންވާ އެކަށީގެންވާ ޢިލްމާއި ހުނަރާއި ވަސީލަތްތައް ފަހިކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް." ނިމިދިޔަ އިންޓަރ ސްކޫލްގެ މުބާރާތާ ބެހޭގޮތުން ގައުމީ ސީނިއަރ ފިރިހެން ޓީމުގެ އެސިސްޓެންޓް ކޯޗް އަދީލް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ.

ގދ އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ މެޗުގެ ތެރެއިން ހައްވަ އަދި މާޔާ: ފޮޓޯ/ފޭސް ފިޔޯރީ
ވޮލީގެ ދާއިރާއިން މިހާރު ދިވެހިރާއްޖެ ހޯދައިފައި މިވާ ކާމިޔާބީތަކަކީ ހަމަ ގައިމުވެސް މިއަށްވުރެ 2 ގުނަ ނުވަތަ 3 ގުނަ އަށްވުރެ ވެސް ގިނަ ކާމިޔާބީތަކެއް ހޯދޭން ކުޅުންތެރިން ތިބި ގައުމެއް ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. ބޭނުންވަނީ ފަންނީ އެހީތެރިކަމެވެ. ހަމައެކަނި މާލޭ ސޯޝަލް ސެންޓަރުގެ ހަތަރު ފާރު ތެރޭގައި ކުޅެވޭ މޮޑަން ވޮލީ ރާއްޖެތެރެއަށް ތަޢާރަފުވެ، ފުޅާ ދާއިރާއެއްގައި ކުޅެވެން އެބަ ޖެހެއެވެ. ތަމްރީނުވެފައިވާ ކޯޗުންނާއި ރެފްރީން ރާއްޖެތެރެއަށް ޢިލްމު ފަތުރަން ފޮނުވަން އެބަޖެހެއެވެ. ގައުމީ ޓީމުގެ ސެލެކްޝަން އަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ކުޅުންތެރިންނަށް ގޮވާލަން އެބަ ޖެހެއެވެ. ގައުމީ ޓީމުގެ ޓްރެއިނިންތަކަށް ހާއްސަކޮށް، އިންޑޯ ކޯޓެއް ހުންނަން އެބަޖެހެއެވެ. ވޮލީއަކީ ކުރިމަގެއް އޮތް، ގައުމުގެ ނަން ރަން އަކުރުން ފަވާލަދޭނެ ފަދަ ކުޅިވަރެކެވެ. ބޭނުންވަނީ ބައެއްގެ އެހީތެރިކަމެވެ. މިންނެތް މަސައްކަތެވެ. ތަރުހީބެވެ.

