ނ. މަނަދޫގައި ވައިން ހަކަތަ އުފެއްދުމުގެ މަޝްރޫޢެއް ފެށުމަށް ސަރުކާރުން ނިންމައިފިއެވެ. މި މަޝްރޫޢުގެ ޕައިލެޓު ސިސްޓަމް ނ. މަނަދޫގައި ގާއިމު ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލީ ވުޒާރާއިން މިހާރު ވަނީ ބީލަމަށް ހުޅުވާލާފައެވެ.
މި މަޝްރޫޢަކީ ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ އެހީގައި ހިންގަމުންދާ "އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގ ރިނިއުބަލް އެނަރޖީ" (އެޝުއަރ) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މާލީ ވުޒާރާއިން ބުނެފައިވާ ގޮތުގައި މި މަޝްރޫއަކީ އޯޕަން ކޮމްޕެޓިޓިވް ބިޑިންގ އުސޫލުގެ މަތިން، އޭ.ޑީ.ބީގެ ސިންގަލް ސްޓޭޖް ޓު އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި 1,500 ރުފިޔާ ނުވަތަ 100 ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮންލައިންކޮށް 2025 ޖަނަވަރީ 8 ވަނަ ދުވަހުގެ 11:00 ގައެވެ. ބީލަން ހުޅުވުން އޮންނާނީ 2025 ފެބުރުވަރީ 10 ވަނަ ދުވަހުގެ 13:00 ގައި މާލީވުޒާރާގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.
"އެޝުއަރ" ޕްރޮޖެކްޓަކީ 75.5 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި އެއްބަސްވުމުގެ ދަށުން 20 ރަށެއްގައި އަވިން ހަކަތަ އުފެއްދުމުގެ ނިޒާމާއި، 1 ރަށުގައި ވައިން ހަކަތަ އުފެއްދުމުގެ ނިޒާމު ގާއިމު ކުރުން ހިމެނެއެވެ.
މި ޕްރޮޖެކްޓުގެ ދަށުން 20 ރަށެއްގައި 20 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. އަދި މި ނިޒާމުތައް ޤާއިމުކުރެވޭ ރަށްރަށުގެ ގްރިޑް ސްޓެބިލިޓީ ހަރުދަނާކުރުމަށް 44 މެގަވޮޓްއަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމާއި މި ރަށްރަށުގެ ކަރަންޓު ވިއުގައިގެ ހާލަތު ރަނގަޅުކުރުން ވެސް ހިމެނެއެވެ.
ހަމަމިއާއެކު ކޮންމެވެސް އެއް ރަށެއްގައި ވައިގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ގާއިމު ކުރުމުގެ އިތުރުން އެހެން ރަށެއްގައި ކަނޑުގެ އޮއިވަރު ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ޕައިލެޓް ކުރުން ވެސް ހިމެނެއެވެ.

