ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި ރާއްޖޭގެ މަސް ޕްރޮސެސިންގެ ކެޕޭސިޓީ 300 ޓަނަށް އިތުރު ކުރެވޭނެ ކަމަށް މަސްވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތަކުގެ ދަށުން 5 ބިލިއަނެއްހާ ރުފިޔާ އިންވެސްޓް ކުރަން ޖެހޭ ކަމަށާއި، އެ ފައިސާ މިހާރު ހޯދާފައިވާ ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި ކުރަން ހުރި ހުރިހާ މަސައްކަތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާއިރު، މި މަސައްކަތްތައް ކުރިއަށް އޮތް ދޮޅު އަހަރާއި ދެ އަހަރާ ދޭތެރޭ ނިންމައި، އެތަންތަނުން ޚިދުމަތް ލިބޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ކުދި ވިޔަފާރިތަކަށް ދައްކަންޖެހޭ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ ހުރި ކަމަށާއި، މާލީ އުނދަގުލާއެކުވެސް މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ ހުރި ކަމަށެވެ. މިކަމާ ގުޅިގެން ވަޒީރު ފާހަގަކުރެއްވީ، ފައިސާ ޗާޕުކުރަމުން އައިސްވެސް ބިލްތަކަށް ފައިސާ ނުދައްކާ ހުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
ބާޒާރުގައި ރާއްޖޭގެ މަހުގެ އެޑްވާންޓޭޖް ނަގާ ކަމަށް ވަޒީރު ފާހަގަކުރައްވައި، ރާއްޖޭގެ މަހުގެ ކެޕޭސިޓީ އިތުރުކުރަން މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި މަސް ޕްރޮސެސިންގެ ކެޕޭސިޓީ 300 ޓަނަށް އިތުރުކުރެވިއްޖެނަމަ، ރާއްޖެއަށް ބާނާ މަހުގެ 90 އިންސައްތައިގެ އަގު އެއްކުރެވޭނެ ކެޕޭސިޓީ ގާއިމްކުރެވޭނެ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

