ދިވެހިރާއްޖެއާއި އޮމާނާ ދެމެދު ދެ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އޮމާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ސައްޔިދު ބަދުރު ބިން ޙަމަދު ބިން ޙަމޫދު އަލްބުސަޢީދީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ދެ އެއްބަސްވުމަކީ ސިޔާސީ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ އެއްބަސްވުމަކާއި ޑިޕްލޮމެޓިކް ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަށް ވިސާއާ ނުލާ އޮމާނަށް ދަތުރުކުރެވޭނެ މަގުފަހިކުރުމުގެ އެއްބަސްވުމެކެވެ.
މީގެ އިތުރުން، އާންމު ރައްޔިތުންނަށްވެސް ވިސާއާ ނުލާ އޮމާނަށް ދަތުރުކުރެވޭނެ މަގުފަހިކުރުމަށް މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު މަޝްވަރާ ކުރެއްވިކަމަށާއި، އެކަން އޮމާން ސަރުކާރަށް ހުށަހަޅުއްވާފައިވާކަމަށް ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚްވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ. މީގެ ތެރޭގައި ވިޔަފާރި، ފަތުރުވެރިކަން، ތަޢުލީމު އަދި އިންވެސްޓްމަންޓްގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި އޮމާންގެ މާލީ ވަޒީރު ސުލްޠާން ބިން ސާލިމް ބިން ސާޢިދު އަލް ހަބްސީއާއެކުވެސް ބައްދަލުކުރައްވައި، ރާއްޖޭގައި އިންވެސްޓްކުރެވެން ހުރި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
އޮމާންގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ފޯ އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް ކޯޕަރޭޝަން އެފެއާޒް އެންޑް ސްޕެޝަލް ރެޕްރެސެންޓެޓިވް ސައްޔިދު އަސްޢަދް ބިން ޠާރިޤް އަލް-ސަޢީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްވެސް ޚާރިޖީ ވަޒީރު ކުރެއްވިއެވެ.
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އޮމާނަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ އެ ޤައުމުގެ ޚާރިޖީ ވަޒީރުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.

