ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ޖަޕާނުގެ ސަފީރު މިއަދު މިނިސްޓަރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނަރޖީ އޮނަރަބަލް މިނިސްޓަރ ޠާރިޤް އިބްރާހީމާ ބައްދަލުކުރައްވައި ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ ރާއްޖޭގެ ތިމާވެށީގެ ދާއިރާއަށް ޖަޕާނުން ދެމުންގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސަފީރުގެ މަޤާމުގައި ހުންނެވި މުއްދަތުގައި މިނިސްޓްރީއާއެކު ގާތުން މަސައްކަތް ކުރެއްވި ކަމަށްޓަކައި ޝުކުރު ދަންނަވާފައިވެއެވެ.
ޖަޕާނުގެ ސަފީރުގެ މުއްދަތު ހަމަވުމާ ގުޅިގެން ކުރެއްވި މި ވަދާޢީ ޒިޔާރަތުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވުނު މަސައްކަތްތަކާ ބެހޭގޮތުން ވެސް ވާހަކަދެކެވުނެވެ.
ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަޝްރޫޢުތަކަށް ޖަޕާނުން ވަނީ ގިނަގުނަ އެހީތަކެއް ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ކުނި މެނޭޖްކުރުމާއި، އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ހިމެނެއެވެ.

