މާފަންނު ހައުސިންގ މިނިސްޓްރީ ހުރި އިމާރާތުގައި ރޯވެ އަލިފާންގަނޑު ފެތުރި، މުޅި ސަރަހައްދަށް ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ނުނުކުތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ. މި އިލްތިމާސް ކުރީ މިއަދު ހެނދުނު އެޗްޕީއޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަށް ނުނިކުތުމަށާއި އަދި ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުކުތުމުގެ ކުރިން އަނގައާއި ނޭފަތް ނިވާކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
ހާއްސަކޮށް، ނޭވާލާ ނިޒާމު އަދި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވުން އެކަށީގެންވާ ކަމަށާއި އެހެންކަމުން މިފަދަ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެއެވެ.
މީގެ އިތުރުން، އެޗްޕީއޭ އިން ރައްޔިތުންނަށް އިލްތިމާސްކޮށްފައިވަނީ ގޭގެ ދޮރުތަކާއި ކުޑަދޮރުތައް، ދުން ނުވަންނާނެހެން ބަންދުކުރުމަށެވެ. އަދި ނޭވާ ކުރުވުން ނުވަތަ ނޭވާލާން އުނދަގޫވުން، ގަދަޔަށް ކެއްސުން އަދި ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

