ޔަންމާގެ 50 ވަނައަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތުގެ ތެރެެއިން އެމް.ޓީ.ސީ.ސީ އާއި ޔަންމާގެ ޓީމެއް ހުވަދުއަތޮޅުގެ ރަށްތަކަށް ހާއްސަ ދަތުރެއް ފަށައިފިއެވެ.
އެގޮތުން މިހާރު އެ ޓީމުން ވަނީ މިދަތުރުގެ ފުރަތަމަ މަންޒިލު ކަަށްވާ ތިނަދޫސިޓީގެ ދަތުރު ނިންމުމަށްފަހު މިއަދު ވަނީ ހޯޑެއްދޫ އަށް ދަތުރު ކޮށްފައެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 އިން 13 އަށް ހުވަދުއަތޮޅުގެ ތިނަދޫ، މަޑަވެލި އަދި ހޯޑެއްދޫއަށް ދަތުރެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގެ މަގުސަދަކީ މަސްދޯނިފަހަރުގައި އައު ޔަންމާ އާރު.އެސް.ޑަބްލިއު ސިސްޓަމްތައް ހަރުކުރުމަށްޓަކައި އުޅަނދުތައް ބަލައި ފާސްކުރުމެވެ.

އެމް.ޓީ.ސީ.ސީ އާއި ޔަންމާގެ އާރު.އެސް.ޑަބްލިއު ޓީމުން، ހާއްސަ ދަތުރުގެ ތެރެއިން/ ފޮޓޯ:އެމްޓީސީސީ
މި ދަތުރުގައި ޓީމުން މިހާރުވެސް ޔަންމާގެ އިންޖީނުތައް ބޭނުންކުރަމުންދާ ކަސްޓަމަރުންނާ ބައްދަލުކޮށް، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެފަރާތްތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރާނެއެވެ.
އެންމެ ފުރަތަމަ ޔަންމާ އިންޖީނު ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ތައާރަފުވެ، ޒަމާނީ ޓެކްނޮލޮޖީ އާއި މެކަނައިޒޭޝަން މެދުވެރިކޮށް މަސްވެރިކަމުގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން ތާ މިހާރު ވަނީ ދިގު އަދި ކާމިޔާބު 50 އަހަރު ފުރިފައެވެ. ރާއްޖެއަށް ޔަންމާ އިންޖީނު ތައާރަފު ކުރި 1984 ވަނަ އަހަރު، އެންމެ ފުރަތަމަ ޔަންމާ އިންޖީނު ހަރުކުރެވުނު ނަސީބުވެރި ދޯންޏަކީ ނައިފަރު "އުއްމީދު" ނަމަކަށް ކިޔާ ދޯންޏެކެވެ.

އެމް.ޓީ.ސީ.ސީ އާއި ޔަންމާގެ އާރު.އެސް.ޑަބްލިއު ޓީމުން، ހާއްސަ ދަތުރުގެ ތެރެއިން/ ފޮޓޯ:އެމްޓީސީސީ
މި ދަތުރުގެ ސަބަބުން ހުވަދުއަތޮޅުގެ މަސްވެރިންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން މަސްވެރިކަން ކުރުމުގެ ފުރުޞަތު ލިބި، މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރައިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.

