މިއަދު ހެނދުނު މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން 3 އިމާރާތެއްގެ 7 ގޭބީސީއަކުން ބީސީއަކުން 29 މީހުން ވަގުތީ ހިޔާވަހިކަމަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ހާމަކޮށްފިއެވެ.
އެންޑީއެމްއޭ އިން ދިން މަޢުލޫމާތުގައިވާ ގޮތުން، ވަގުތީ ހިޔާވަހިކަމަށް ބަދަލުކުރެވޭ 29 މީހުންގެ ތެރޭގައި ހިމެނެނީ 15 ފިރިހެނުންނާއި 14 އަންހެނުންނެވެ. އަދި މީގެ ތެރޭގައި ޞިއްޙީ ޚާއްޞަ އެހީތެރިކަން ބޭނުންވާ މީހަކުވެސް ހިމެނެއެވެ. އަލިފާނުގެ އަސަރު ކުރި ގޭބިސީތަކުގެ ތެރޭގައި މ. ލޯކަށިގެ، މ. ކުދިމާވިލާގެ އަދި މ. ލޫބިޔާ ހިމެނެއެވެ.
މިއަދު ހެނދުނު ހިނގި މި ހާދިސާގައި އަލިފާން ރޯވީ ހައުސިންގ މިނިސްޓްރީ، އިންފްރާސްޓްރަކްޗަރ މިނިސްޓްރީ، އެންވަޔަރަންމަންޓް މިނިސްޓްރީ އަދި މާލެ ސިޓީ ކައުންސިލްގެ އޮފީސް ސެކްޝަންތައް ހުރި އިމާރާތުގައެވެ. މި އިމާރާތް ވަނީ މުޅިން އަނދައި ހަލާކުވެފައެވެ. އަލިފާން ރޯވި ވަގުތަކީ މުވައްޒަފުން އޮފީހަށް އައުމަށް ތައްޔާރުވަމުންދިޔަ ވަގުތެވެ.
އެންޑީއެމްއޭ އިން އިތުރަށް ބުނީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ފެނާއި ކަރަންޓު ކެނޑިފައިވާ އިމާރާތްތަކަށް އަލުން މި ޚިދުމަތްތައް ގުޅައިދިނުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށްދާ ކަމަށެވެ. މިހާތަނަށް 50 މީހަކު ވަނީ އެންޑީއެމްއޭގެ އެހީތެރިކަމަށް އެދިފައެވެ.

