ބަރުލަމާނީ އަކީ މިހާރު އެމްޑީޕީ މެންބަރުންގެ ފިކުރެއް ނޫންކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އަދި އެޕާޓީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި އިބްރާހީމް އިސްމާޢީލް (އިބުރާ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުގެ ނަތީއްޖާއަށް އިޝާރާތް ކުރައްވާ އިބުރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ މެންބަރުންގެ ވިސްނުމާއި ފިކުރު ރައީސް ނަޝީދަށްވުރެ ބޮޑަށް އެނގިވަޑައިގަންނަވަނީ އޭނައަށްކަމަށެވެ. އަދި ބަރުލަމާނީއަކީ މިހާރު އެމްޑީޕީގެ ފިކުރެއް ނޫންކަމަށްވެސް އިބުރާ ވިދާޅުވިއެވެ.
ޝުކުރިއްޔާ އެމްޑީޕީގެ މެންބަރުން. ބަރުލަމާނީއަށް ނޫނެކޭ ބުނެ، ޕާޓީއާއި ޤައުމު ނުރައްކަލުން ނެރެދެއްވީތީ އުފާކުރަން. – އިބުރާ
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ރައީސް ނަޝީދާއި، ރައީސް ޞާލިހަށް ތާއީދު ކުރައްވާ ކެނޑިޑޭޓުންގެ މެދުގައި ވާދަވެރިކަން ބޮޑުވެ، އެއްބަޔަކު އަނެއްބަޔަކަށް ރައްދު ދީފައިވެއެވެ، އިންތިޚާބުގައި ރައީސް ޞަލިޙަށް ތާޢީދުކުރާ ގިނަ ބަޔަކު ވަނީ އިންތިޚާބު ކާމިޔާބުކޮށްފައެވެ.
އަދި އިއްޔެ އިންތިޚަބު ނިމި ނަތީއްޖާ އާންމުވުމުން، ރައީސް ނަޝީދު ވަނީ ބަރުލަމާނީއަށް ތާޢީދުކުރާ ކެނޑިޑޭޓުންނަށް ތަޢީދުކުރައްވާކަން ހާމަކުރައްވާފައެވެ.

