ހުޅުމާލޭ ފޭސް 2 ހިޔާ ފްލެޓްގެ 5 ވަނަ ޓަވަރުގެ 13 ވަނަ ފަންގިފިލާއިން 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ވެއްޓިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިރޭ ދަންވަރު 1:25 ހާއިރުއެވެ.
ފުލުހުން ބުނި ގޮތުގައި މި މައުލޫމާތު އެ ފަރާތަށް ލިބިފައިވަނީ މިރޭ 1:26 ހާއިރުއެވެ. ހާދިސާ ހިނގި ވަގުތުން ފެށިގެން ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.
އެސަރަހައްދާ ކުޑަތަންކޮޅެއް ދުރުގައި ހުރި މަންޒަރު ދުށް މީހަކު ބުނިގޮތުގައި ވަރަށް ބާރު އަޑެއް އިވިގެން ބަލައިލިއިރު ކުއްޖަކު ވެއްޓިފައި އޮތް ކަމަށާއި އެމްބިއުލާންސްގައި ކުއްޖާ ގެންދިޔައިރު އެ ކުއްޖާގެ ނޭފަތުން ލޭ ފައިބަމުންދިޔަ ކަމަށެވެ.
އެމީހާ ބުނިގޮތުގައި ވެއްޓުނު ކުއްޖާ އޮތީ ހިރިޔާ ސްކޫލުގެ ލޯގޯ ޖަހާފައިވާ ޓްރެކްސޫޓެއްގައި ކަމަށް ވާތީ ވެއްޓުނު ކުއްޖާއަކީ ސްކޫލު ކުއްޖެއް ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން އަދި ފުލުހުން ވެސް ވަނީ މައުލޫމާތު ދީފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

