ގއ. ދާންދޫގައި މަރުވިެފަ އޮއްވާ ފެނުނު ޒުވާނާގެ މަރުގެ ތަހުގީގު އަވަސްކުރުމަށް އެދި ރައްޔިތުން މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކޮށްފިއެވެ.
އިހުތިޖާޖުގެ ބައިވެރިން ބޯޑް ހިފައިގެންތިބިއިރު، ތަހުގީގް ލަސްވާ ވާހަކައާއި، މަރަށް 6 ދުވަސްވާއިރު އެއްގޮތަކަށްވެސް އާއިލާ އަށް ވާގޮތެއްވެސް ނައަންގާ ކަމަށް ވަނީ ބުނެފައެވ. އަދި ތަހުގީގް ދާގޮތެއް ނޭގޭކަމަށް ލިޔެފައިވާ ބޯޑްތައް ވެސް ފެންނަން ހުއްޓެވެ. އެ އިހުތިޖާޖު އޮތީ މިއަދު ހަވީރެވެ.
އެ އިހުތިޖާޖުގެ ބައިވެރިންވަނީ އަހުމަދުގެ މަރަށް އިންސާފް ވީހާވެސް އަވަހަށް ހޯދުމަށްއެދި އަޑުއުފުލާފައެވެ. އެރަށުން “ހުވަދޫ” އާއި ވާހަކަދެއްކި މީހަކު ބުނީ އަހުމަދުގެ މަރުގެ ފަހަތުގައި ތުހުމަތުކުރެވޭ ކަންތައްތަކެއް އެބަހުރި ކަަމަށާއި، ތަހުގީގް އަވަސްކުރަން ބޭނުންވާ ކަމަށެވެ. އަދި އެއީ ކޮންބައެއްތޯ ހޯދާ އިންސާފުގެ ކުރިމައްޗަށް ގެންނަންވެސް ޖެހޭ ކަަމަށެވެ.
ގއ. ދާންދޫ މަގުމަތީގައި މަރުވެފައި އޮއްވާ ފެނުނު 33 އަހަރުގެ އަހުމަދު އަބްދުﷲ ގެ ހަށިގަނޑު، އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ތިނަދޫސިޓީއަށް ވެސް ގެނދިޔައެވެ. ތިނަދޫސިޓީއަށް ގެންދިޔަ ނަމަވެސް، މިކަމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ފުލުހުން ހާމައެއްނުކުރެއެވެ.
ދާންދޫ، ނަގަހެލަ އަހުމަދު އަބްދުﷲ މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ 7 ވީ ހޮނިހިރުދުވަހުއެވެ. އެ ރަށު ދެ ޒުވާނަކު މަގުމަތިން ދުއްވާލަންދިޔަވަގުތު އޭނާ ވެއްޓިފައިވާތަން ވަނީ ފެނިފައެވެ. އެއީ އެދުވަހު ހެނދުނު 7:30 އެހާކަށްހާއިރެވެ. އޭނާ ފެނުނީ ދާންދޫ ފެނަކަ ބްރާންޗުގެ ހުޅަނގު ފަރާތު ފަޅުގެއެެއްގެ ފާރުކައިރިންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނުނުއިރު އަހުމަދުގެ ހަށިގަނޑަށް އޮތީ ހިނި އަރައި ހަށިގަނޑު ހަރުވެފައެވެ.
ދާންދޫ ހެލްތު ސެންޓަރުން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، އަހުމަދު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އޭނާ ވަނީ މަރުވެފައެވެ.
އަހުމަދުގެ އާއިލާއިން ބުނާ ގޮތުގައި އަހުމަދުގެ ހަށިގަނޑު ފެނުނީ، އެ ރޭ އަހުމަދު ވީތަނެއް ނޭނގި، އަހުމަދުގެ ހަބަރެއް ނުވެގެން ފެނޭތޯ މަސައްކަތްކުރަމުން ދަނިކޮށް ކަމަށެވެ.

