މާލޭގައި ޕާކްކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރަށް ގެންދިޔަ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ. މި މައްސަލައިގައި ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވަނީ މ. އަރާރަތްކުރި، ޚާލިދު މަޙްމޫދު (35 އަހަރު) އަދި އދ. މާމިގިލި، ބްލޫވިންޑް، ޙަސަން ނަސީމް (31 އަހަރު) ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މި ދެ ފަރާތުގެ މައްޗަށް ތުހުމަތުކުރެވެނީ ނޮވެންބަރު 25 ވަނަ ދުވަހުގެ އިރުއޮއްސި 6:25 ހާއިރު ބުރުޒުމަގު، ސިނަމާލެ 1 ގެ ޕާކިން ޒޯންގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތެވެ. ނޮވެންބަރު 28 ވަނަ ދުވަހު ނަސީމްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު، 29 ވަނަ ދުވަހު ޚާލިދުގެ ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ.
އިއްޔެ ކްރިމިނަލް ކޯޓަށް މި ދެ މީހުން ހާޒިރުކުރުމަށްފަހު، އިތުރު 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވެއެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ނަސީމަކީ 23 ފަހަރު ހައްޔަރުކޮށް، 20 ފަހަރު ބަންދުކޮށްފައިވާ މީހެކެވެ. އަދި ޚާލިދުގެ ހައްޔަރާއި ބަންދުގެ 51 ރެކޯޑް އޮތް ކަމަށް ބަޔާންކޮށްފައިވެއެވެ.
ކޯޓު އަމުރުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. މީގެ ތެރޭގައި، ދެ މީހަކު ވެގެން ކާރުގައި ރޯކޮށްލާ މަންޒަރާއި ރޯކޮށްލުމަށްފަހު ދުވެފައިދާތަން ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މި ޢަމަލު ހިންގާފައިވަނީ ދެ ބައެއްގެ ދެމެދުގައި ހިނގާދިޔަ ދެބަސްވުންތަކާ ގުޅިގެން ކަމަށް ބެލެވޭ ކަމަށްވެސް އަމުރުގައި ފާހަގަކޮށްފައިވެއެވެ.

