ރާއްޖޭގައި މިހާތަނަށް އެންމެ އަސަރުކުރުވަނިވި، ހިތްތައް ރޮއްވާލާ އަދި ލޯތައް ކަރުނައިން ފުރުވާލާ ފެންވަރުގެ އެންމެ ގިނަ ފިލްމު ގެނެސްދިން ކާމިޔާބު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ވާހަކަލިޔުންތެރިޔާ ފާތިމަތު ނަހުލާ ގިނަދުވަސްތަކަކަށް ފަހު މުޅިން އައު ވާހަކައަކާއެކު ބެލުންތެރިންނަށް އުފާވެރި ހަބަރެއް ވަނީ ދީފައެވެ. އަބަދުވެސް ތަފާތު މާނައިގައި، ތަފާތު ނަންނަމުގައި އެހެންކަމާއެކުވެސް ދިވެހިންގެ ހިތްތަކުގެ އެންމެ ފުނަށް ފީނާލެވޭ އަސަރުތައް ހިމަނައިގެން ފިލްމުތައް ގެނެސްދޭ ނަހުލާގެ އެންމެ ފަހުން ފެނިގެން ދިޔަ ބޮސް އަށްވުރެ މިފަހަރުގެ އުފެއްދުން ތަންފުކެއްވެސް ދެރަނުވާނެކަން އޭގެ ނަމުންވެސް އެނގެއެވެ. އެއަށްވުރެ ބޮޑު އުފާވެރި ހަބަރަކީ މިފަހަރުގެ ފިލްމުގެ ތީމް ލަވައަށް ތަފާތު އަޑެއް ހޯދުމަށް ނަހޫ ކުރާ މަސައްކަތެވެ..
ނަހުލާގެ ސޮރީ ހުޅުވާލާފައި އެވަނީ ބައިވެރި ނުވެއްޖެ ނަމަ އަމިއްލައަށް ސޮރީވާން ޖެހޭ ފަދަ ފުރުސަތެކެވެ. ފިލްމު ސޮރީ ގެ ތީމް ލަވަ ކިޔައި އޮޑިޝަން ވީޑިއޯ ހުށައެޅުމުގެ ފުރުސަތު މީގެ ހައެއްކަ ދުވަސް ކުރިން ވަނީ ހުޅުވާލާފައެވެ. މި އޮޑިޝަނަށް ހުޅުވާލާފައި މިވަނީ ދެ ޖިންސުގެ މީހުންނަށެވެ. އެންމެ ފުރަތަމަ ނަހޫ މިކަމަށް ހުޅުވައިލީ ހަމައެކަނި ފިރިހެން އަޑެއް ހޯދުމަށް ކަމަށްވީ ނަމަވެސް މިހާރު މިވަނީ ދެ ޖިންސުގެ އަޑަށްވެސް މިއޮޑިޝަންގައި ބައިވެރިވެގެން ހުނަރުގެ އަޖުމަ ބަލާލުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ފިލްމު “ސޮރީ”ގެ ތީމް ލަވައަށް އޮޑިޝަން ވީޑިއޯ/އަޑު ހުށައެޅުމުގެ ފުރުސަތާ ގުޅޭގޮތުން ނަހުލާގެ ސޮރީ ގެ އޮފިޝަލް އެފްބީ ޕޭޖު ސޮރީ- ދަ މޫވީ ގައި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން ކިޔަން ޖެހޭ ލަވައިގެ ކަރޯކޭ ޓްރެކް، އެ ޕޭޖުން ޑައުން ލޯޑްކުރެވޭނެ ކަމަށެވެ.
“ޓްރެކް ނުލައި ނުވަތަ ކަރޯކޭ ޓްރެކަށް ވެސް ކިޔި ދާނެ.“ ފާތިމަތު ނަހުލާ
ތީމް ލަވަ ކިޔުމަށް ހުޅުވާލާފައިވާ މިފުރުސަތުގެ ބޭނުން އަވަހަށް ހިފާށެވެ، އަދި ނަސީބުގެ އަގު ވަޒަން ކޮށްލާށެވެ. ފިލްމު ސޮރީ ގައި ހިމެނޭ، މުޙައްމަދު ޢަބްދުލްޣަނީ (ތޭރަ) ކިޔާފައިވާ މި ލަވަ ހުށައަޅައި، ކިޔާފައިވާ ލަވައިގެ ވީޑިއޯ (ލަވަ ކިޔާ ފަރާތުން ފެންނަ ގޮތަށް ނުވަތަ ނުފެނިވިޔަސް) ޕޯސްޓްކުރަން ޖެހެނީ ޓިކްޓޮކް އެކައުންޓަށް ނުވަތަ ފޭސްބްކް އެކައުންޓަށެވެ.
ވީޑިއޯ ހުށައަޅާއިރު ސަމާލުކަން ދޭންވީ މުހިންމު ކަންކަމުގެ ތެރޭގައި:
- ޓިކްޓޮކަށް ވީޑިއޯ އަޕްލޯޑް ކުރާނީ ނަހޫގެ ޓިކްޓޮކް (މި ލިންކަށް ފިތާލަށްވާށެވެ) ނަން ޖެހުމަށްފަހު ހޭޝްޓެގް #sorrythemovie އަދި ހޭޝްޓެގް #vivalapizza
- ފޭސްބްކް އިބް ވީޑިއޯ އަޕްލޯޑްކުރާނީ ސޮރީ-ދަ މޫވީ (މި ލިންކަށް ފިތާލަށްވާށެވެ) ފޭސްބްކް އެކައުންޓްގެނަން ޖެހުމަށްފަހު ހޭޝްޓެގް #sorrythemovie އަދި ހޭޝްޓެގް #vivalapizza
- އޮޑިޝަނަށް ލަވަ ހުށައެޅުމުގެ ސުންގަޑި 2024 ޑިސެމްބަރ 21 ވަނަ ދުވަހުގެ ނިމުމާ ހަމައަށް
މި ލަވަ ކަރޯކޭ ޓްރެކަށް ނުވަޔަ، ޓްރެކް ނުލައި ކިޔާފައިވާ ހުށައެޅުންތައްވެސް ބަލައިގަންނާނެ ކަމަށް ނަހޫ ގެ އެފްބީ ޕޯސްޓުގައި ވަނީ ބުނެފައެވެ.
ސޮރީ ފިލްމުގެ ތީމް ލަވަ ކިޔުމަށް އޮޑިޝަނަށް ތީމް ލަވަ ހުށަހެޅުމަށްފަހު، މިލަވައަށް ހޮވޭ ފަރާތަކަށް އަގުހުރި ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.
ވިވާ ލަ ޕިއްޒާ – މޯލްޑިވްސް އިން އެއްވަނައަށް ހޮވޭ ފަރާތަކަށް 7000 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެ ކަމަށްވެސް ނަހޫގެ ޕޯސްޓުގައި ބުނެފައިވެއެވެ.
ފުރުސަތުގެ ބޭނުން އަވަހަށް ހިފާށެވެ. ސުންގަޑި ހަމަވާން އަދި ހަފުތާއެއްހާ ދުވަސް އެބައޮތެވެ. އަމިއްލަ އަޑުގެ ހުނަރު ދައްކާލައި އަޖުމަ ބަލާލާށެވެ، ނަސީބު ހަމަ ތިމާގެ އަޑަށްވެސް ފުރުސަތު ލިބިދާނެއެވެ.

