ތ. ގުރައިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުސް އޮފިސަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ މީޑިއާ އޮފިޝަލް މިކަން ހާމަކުރެއްވި އެވެ.
ނިޔާވެފައިވަނީ ތ. ގުރައިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ސާޖަންޓް ފާތިމަތު ރިފާ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ރިފާ ނިޔާވީ އިއްޔެ ރޭގެ ވަގުތެއްގައި ކުއްލިއަކަށް ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
ނިޔާވި އޮފިސަރާ ގުޅޭ އިތުރު މައުލޫމާތެއް މި ވަގުތު ލިބިފައެއް ނުވެ އެވެ. އަދި ރިފާ ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކޮށްފައިވަނީ ކިހާ ދުވަހަކު ކަމެއްވެސް އެނގިފައެއް ނުވެ އެވެ.
މިއީ މި އަހަރު ތެރޭގައި ކުއްލި ގޮތަކަށް ނިޔާވި ދެވަނަ ފުލުސް އޮފިސަރެވެ. މީެ. މީގެ ކުރިން، އެޕްރީލް މަހު ވެސް ފުލުހުންގެ ޗީފް އިންސްޕެކްޓަރު މުހައްމަދު ޒިޔާދު ކުއްލި ގޮތަކަށް ނިޔާވެފައިވެ އެވެ.
(ސާޖަންޓް ފާތިމަތު ރިފާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވަމެވެ. އަދި މަރްޙޫމާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އާމީން.)

