ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މިނިސްޓްރީތަކުގެ ވަގުތީ ސެޓަޕް ޖެހުމަށް އެމްޓީސީސީން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. މި މަސައްކަތް ކުރިއަށްދަނީ ދަރުބާރުގޭގައެވެ.
އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އަލިފާނުގެ ހާދިސާގެ ސަބަބުން ގެއްލުން ލިބުނު މިނިސްޓްރީތަކަށް ދަރުބާރުގޭގައި ވަގުތީ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތުގައި އެ ކުންފުނިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. މީގެ އިތުރުން، އަލިފާނުގެ ހާދިސާގައި ގެއްލުން ލިބިފައިވާ އިމާރާތްތައް ސާފުކުރުމުގައިވެސް އެމްޓީސީސީގެ ޓީމުން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
އަމީނީ މަގުގައި ހުންނަ ހައުސިންގ މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ދެ ތަން ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވެއެވެ.
އަދި އެ އިމާރާތާ ކައިރީގައި ހުންނަ ގްރީން ބިލްޑިންގ، އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ހިންގަމުން އައި އިމާރާތަށްވެސް އަލިފާނުގެ ސަބަބުން ގެއްލުންތަކެއް ލިބިފައިވެއެވެ.
މި ހާދިސާއާ ގުޅިގެން، ގެއްލުން ލިބުނު ތިން ވުޒާރާ ދަރުބާރުގެއަށް ވަގުތީ ގޮތުން ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

