މިދިޔަ ބުރާސްފަތި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުނު ސަރުކާރުގެ މުހިއްމު މަޢުލޫމާތުތައް ރިކަވަރ ކުރެވޭނެކަމުގެ ޔަޤީންކަން އިމާރާތް ކުރުމާއި ބިނާވެށި ޕްލޭނިންގ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ދެއްވައިފިއެވެ.
މިކަމާ ގުޅޭގޮތުން މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ. މުއްޠަލިބް ވިދާޅުވީ، ފުދޭވަރަކަށް ގިނަ ޑޭޓާތަކުގެ ބެކްއަޕް ހުރިކަމަށެވެ. އޭގެ ތެރޭގައި ރައްޔިތުންނާ ގުޅުން ހު ގުޅުން ހުރި ހައުސިންގ މަޝްރޫޢުތަކުގެ މަޢުލޫމާތުތައް ހިމެނޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
“ރައްޔިތުންނާ ގުޅުން ހުރި ހައުސިންގ މަޝްރޫޢުގެ އެއްވެސް މަޢުލޫމާތެއް ގެއްލިފައެއް ނުވޭ. އަދި ސަރުކާރުން އަލަށް ހުޅުވާލި ލޯނު ސްކީމްގެ އެޕްލިކޭޝަންތައްވެސް ނުގެއްލޭ،” ޑރ. މުއްޠަލިބް ވިދާޅުވިއެވެ.
މީގެއިތުރުން، ވަޒީރު ވިދާޅުވީ ސަރުކާރުގެ އެހެނިހެން މުހިއްމު މަޢުލޫމާތުތައްވެސް ރިކަވަރ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ނަމަވެސް، މި މަސައްކަތަށް ވަގުތު ނަގާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއަކީ ސަރުކާރުގެ 3 ވުޒާރާއެއް އަނދައި ހުލިކޮށްލި ހާދިސާއެކެވެ. މި ހާދިސާއާ ގުޅިގެން ސަރުކާރުގެ އެކި އިދާރާތަކުން ދެމުންދިޔަ ޚިދުމަތްތަކަށް ވަގުތީ ހުއްޓުމެއް އައިސްފައިވާއިރު، އެ ޚިދުމަތްތައް އަލުން ފެށުމަށް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

