މާލޭގައި ފާއިތުވި ބުރާސްފަތި ދުވަހު ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން ފުރިހަމަ ތަހުގީގެއް ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ ކަމަށާއި، މި ތަހުގީގުގައި ރާއްޖެއިން ބޭރުގެ ހާއްސަ ޓީމެއްގެ އެހީތެރިކަން ހޯދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޝުޖާއު ވިދާޅުވީ، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ބޭރުގެ ތަހުގީގީ ޓީމަކާއި ދިވެހި ފުލުހުންގެ ތަހުގީގީ ޓީމާ ގުޅިގެން މަސައްކަތް ފެށޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
“މި ތަހުގީގުގެ މައިގަނޑު މަގުސަދަކީ މިފަދަ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގި ގޮތުގެ ތަފްސީލު ރައްޔިތުންނަށް އޮޅުން ފިލުވައި ދިނުމާއި، ކުރިމަގުގައި މިފަދަ ހާދިސާ ތަކުން ރައްކާތެރިވުމަށް ބޭނުންވާ މުހިންމު މައުލޫމާތު ހޯދުން،” ކޮމިޝަނަރ ޝުޖާއު ވިދާޅުވިއެވެ.
އަލިފާން ރޯވި އިމާރާތަކީ ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީއާއި، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީ، އަދި ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީ ހިންގަމުން އައި ގްރީން ބިލްޑިންގ އެވެ. ލަކުޑި ޑެކް އަޅައި ޓިނުން ހަދާފައިވާ އެ އިމާރާތަކީ 2008 ވަނަ އަހަރު ވަގުތީ ގޮތުން ބޭނުން ކުރަން ފެށި ނަމަވެސް، ފަހުން ދާއިމީ އޮފީހަކަށް ބަދަލުވެފައިވާ ތަނެކެވެ.
ކޮމިޝަނަރ ޝުޖާޢު އިތުރަށް ވިދާޅުވީ، މިހާރުވެސް ފުލުހުންގެ ފޮރެންސިކް ޓީމުތަކުން ހާދިސާ ހިނގި ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، ސާމްޕަލްތައް ނެގުމާއި ވަށައިގެން ހުރި ސީސީޓީވީ ފުޓޭޖްތައް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ހާދިސާ ފުރަތަމަ ފެނުނު މީހުންނާއި، އެ ވަގުތު އެ ސަރަޙައްދުގައި ތިބި މީހުންގެ ބަޔާންތައް ނެގުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މި ހާދިސާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް އާންމުންގެ ފަރާތުން ލިބިއްޖެނަމަ، އެ މަޢުލޫމާތު ހިއްސާކުރުމަށް ކޮމިޝަނަރ ޝުޖާއު އެދިވަޑައިގަތެވެ. އަދި އެކަމަށް ފަސޭހަ ނިޒާމެއް ގާއިމުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

