މާލޭގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އަނދައިގެން ދިޔަ ތިން ވުޒާރާގެ ޚިދުމަތް ދެވޭތޯ ދަރުބާރުގޭގައި ވަގުތީގޮތުން ސެޓަޕެއް ހެދުމުގައި ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ހައުސިންގް މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީ ހިންގާ އިމާރާތްތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައެވެ. މި ސަބަބާ ހުރެ، އެ ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކުރެވިފައިވެއެވެ.
އާރްޑީސީގެ އޮފިޝަލަކު މަޢުލޫމާތު ދެއްވިގޮތުގައި، އެ ކުންފުނިން ވަނީ މިނިސްޓްރީތަކަށް ބޭނުންވާ ލޮޖިސްޓިކް އެހީތެރިކަމާއި ޓެކްނިކަލް ސެޓަޕްތައް ރޭވުމުގެ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.
"އެތަނުގައި ސެޓަޕްތައް ރާވައި ނިމުންދެން އަޅުގަނޑުމެންގެ ޓީމުން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދެމުން ދާނެ. ދިމާވެފައި މިވަނީ ވަރަށް ވެސް ބޮޑު، އަދި އެހާމެ ހިތާމަވެރި ހާދިސާއަކަށް ވާތީ، އާރްޑީސީގެ ފަރާތުން ފުރިހަމައަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެ،" އާރްޑީސީ
ސަރުކާރުގެ ފަރާތުން ބުނެފައިވާ ގޮތުގައި، މާދަމާއިން ފެށިގެން އެ މިނިސްޓްރީތަކުން އާންމު ޚިދުމަތްތައް ދޭން ފަށާނެއެވެ. މިކަމާ ގުޅޭގޮތުން މީޑިއާތަކާ ވާހަކަދައްކަވަމުން ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، އަލިފާނުގެ ހާދިސާގައި އިމާރާތް އަނދައިގެން ދިޔަނަމަވެސް، މިހާތަނަށް ބެލި ބެލުމުން ދައުލަތުގެ އިދާރާތަކުގެ މުހިއްމު ގިނަ ޑޭޓާތައް ބެކަޕް ނެގިފައި ހުރި ކަމަށެވެ.

ދަރުބާރުގޭގައި ސެޓަޕެއް ހެދުމަށް އާރްޑީސީ އިން އެހީތެރިކަން ފޯރުކޮށްދެނީ/ ފޮޓޯ:އާރްޑީސީ
މިނިސްޓަރު މުއްތަލިބް އިތުރަށް ވިދާޅުވީ، މުވައްޒަފުންނަށް ފާޚާނާ ކުރުމާއި ކެފެޓީރިއާގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މާދަމާއިން ފެށިގެން އަނދައިގެންދިޔަ ތިން ވުޒާރާގެ ޚިދުމަތްތައް އާންމު ހާލަތުގައި ދެމުންގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

