ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. ދަނގެތީގައި ކަލްޗަރަލް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ވިދާޅުވީ މިއަދު ދަނގެތީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދަނގެތީ ކައުންސިލް އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ކައުންސިލުން ވަނީ ރަށުގެ ތަރައްގީއާ ގުޅޭ ގިނަ ކަންކަމެއް ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނެސްދެއްވާފައެވެ. މީގެ ތެރޭގައި ބަނދަރުގެ އެކްސްޓެންޝަން މަޝްރޫއުގައި ހުރި ކަންބޮޑުވުންތަކާއި، ޒުވާނުންނަށް ގޯތި ބޭނުންވާކަމާއި، ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ހިމެނެއެވެ. އަދި ސްކޫލަށް މަލްޓި ޕާޕަސް ހޯލެއް ބޭނުންވާކަމާއި، ރަށަށް އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް މަގުފަހިކުރުމުގެ މުހިންމުކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރަށުގައި ޑޮލަރު އޭ.ޓީ.އެމްއެއް ގާއިމުކުރުމުގެ މުހިންމުކަމާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާއެކު ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ދަނގެތީގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދަނގެތީގައި ކަލްޗަރަލް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށާއި، ކައުންސިލުން ފާހަގަކުރެއްވި އެހެނިހެން ކަންކަންވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ޑޮލަރު އޭ.ޓީ.އެމްގެ މައްސަލަ ބައްލަވައި، ކައުންސިލުން ފާހަގަކުރެއްވި އެހެނިހެން ކަންކަމަށްވެސް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

