ފުވައްމުލައް ސިޓީއަށް "ބެސްޓް ޝާކް ޑައިވިންގް ޑެސްޓިނޭޝަން" އެވޯޑު ލިބިއްޖެއެވެ. މި އެވޯޑު ލިބުނީ ހޮންގް ކޮންގްގައި ފާއިތުވި ދުވަސްތަކުގައި ބޭއްވުނު ޑައިވިން ރިސޯޓު އެންޑް ޓްރެވެލް އެކްސްޕޯގެ ތެރެއިންނެވެ.
މި އެވޯޑު ލިބުމާ ގުޅިގެން ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވީ، މިއީ އެ ސިޓީގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ޑައިވް ސެންޓަރުތަކާއި ގެސްޓް ހައުސްތަކާއި އެހެނިހެން ފަރާތްތަކުގެ ބުރަ މަސައްކަތުގެ ނަތީޖާއެއް ކަމަށެވެ. އަދި ފުވައްމުލަކުގެ ކަނޑުގެ ދިރުންތައް ދުނިޔެއަށް ދެއްކުމަށް ކުރާ މަސައްކަތް މި ކާމިޔާބީން ފެންނަމުންދާ ކަުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ފުވައްމުލައް ސިޓީއަކީ ފަތުރުވެރިންގެ މެދުގައި ޑައިވްކުރުމަށް ވަރަށް މަގުބޫލު މަންޒިލެކެވެ. ހާއްސަކޮށް، މުޅި ރާއްޖޭގައިވެސް ޓައިގަރ ޝާކް ނުވަތަ ފެމުނު މިޔަރު އެންމެ ގިނައިން ފެންނަ އެއް ސަރަހައްދަކީ ފުވައްމުލައް ސިޓީއެވެ. މި ސަބަބަށްޓަކައި، ފުވައްމުލަކުގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގައިވެސް މި ކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެވެއެވެ.
ޑައިވިން ރިސޯޓު އެންޑް ޓްރެވެލް އެކްސްޕޯއަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ޑައިވް އެކްސްޕޯއެވެ. މި އެކްސްޕޯގެ ޝޯވްތައް އަހަރުގެ އެކި ދުވަސްވަރު އޭޝިއާ ސަރަހައްދުގެ އެކި ސިޓީތަކުގައި ބޭއްވެއެވެ.
މި އެވޯޑު ލިބުމަކީ ފުވައްމުލަކުގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބި، ބައިނަލްއަގިވާމީ ފެންވަރުގައި އިތުރަށް ފާހަގަކުރެވިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

