މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިރާސީ މަސައްކަތްތައް ކުރުމަށް 1 މިލިޔަން ރުފިޔާގެ ފަންޑެއް އިފްތިތާހު ކޮށްފިއެވެ. މި ފަންޑު އިފްތިތާހު ކޮށްފައިވަނީ އެމްއެމްއޭއިން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ރިސަރޗް ކޮންފަރެންސްގެ ތެރެއިންނެވެ.
މަރުކަޒީ ބޭންކުން ގާއިމު ކުރި މި ފަންޑަކީ އެ އިދާރާގެ ދިރާސީ މަސައްކަތްތަކަށް ހާއްސަކޮށްގެން ގާއިމު ކޮށްފައިވާ ފަންޑެކެވެ. މި ފަންޑު އިފްތިތާހު ކުރެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރު ޑރ. މަހްމޫދު ޝައުގީއެވެ. އެމްއެމްއޭގެ މި ފަންޑުގެ އަމާޒަކީ ދިރާސާތައް ކުރުމަށް ހިތްވަރުދީ ދިރާސާ ކުރާ ފަރާތްތަކަށް ފަހި މާހައުލެއް ބިނާކުރުމެވެ.
މީގެ އިތުރުން ދިރާސީ މަސައްކަތް ކުރުމަށް ދެ އެއްބަސްވުމެއްގައިވެސް މި ކޮންފަރެންސްގެ ތެރެއިން ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރެއިން އެއް އެއްބަސްވުން ގާއިމުކޮށްފައިވަނީ ދިރާގާ އެކުގައެވެ. މި އެއްބަސްވުމަކީ ދެމެހެއްޓެނިވި ކުރިމަގަކަށް ދިރާސާތައް ފުޅާކުރުމާއި އީޖާދީ އުފެއްދުންތައް ކުރިއެރުވުމަށް އެކުލަވާލި އެއްބަސްވުމެކެވެ. ދެވަނަ އެއްބަސްވުން ގާއިމުކޮށްފައިވަނީ މެލޭޝިއާގެ އިސްލާމް ސެލަންގޫރު ޔުނިވަރސިޓީއާއެކުއެވެ. މި އެއްބަސްވުމަކީ އިގުތިސާދީ ދިރާސާތައް ކުރިއެރުވުމަށާއި ތައުލީމާއި އީޖާދުކުރުމުގެ ދާއިރާއިން އެކުގައި މަސައްކަތްކުރުމަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ.

ދެމެހެއްޓެނިވި ކުރިމަގަކަށް ދިރާސާތައް ފުޅާކުރުމާއި އީޖާދީ އުފެއްދުންތައް ކުރިއެރުވުމަށް ދިރާގާއެކު އެމްއެމްއޭއިން ފަހުމުނާމާއެއްގައި ސޮއިކުރުން/ ފޮޓޯ:އެމްއެމްއޭ
މި ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ދިރާސާވެރިންނާއި މާލީ އިދާރާތަކުގެ ބޭފުޅުންނާއި އިގުތިސާދީ އަދި ފައިނޭންޝަލް ޓެކްނޮލޮޖީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއް ބައިވެރިވިއެވެ. ކޮންފަރެންސްގެ ފުރަތަމަ ސެޝަންގައި އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރުގެ އިތުރުން، އެމްއެންޔޫގެ ޗާންސެލަރު ޑރ. ޝައުގީ އަދި ރިޒާވް ބޭންކް އޮފް އިންޑިއާގެ ޑެޕިއުޓީ ގަވަރުނަރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
މި ކޮންފަރެންސްއަކީ މަރުކަޒީ ބޭންކުން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ރިސަރޗް ކޮންފަރެންސްއެވެ. މިއަހަރުގެ ކޮންފަރެންސް ތީމަކީ "އިގުތިސާދީ ދިރާސާތައް ފުޅާކުރުމުގައި ދެމެހެއްޓެނިވި ކުރިމަގަކަށް ސިޔާސަތުތައް ބައްޓަންކޮށް އީޖާދުކުރުން،" މެވެ. ކޮންފަރެންސްގައި ކީނޯޓާއި ޕެނަލް ޑިސްކަޝަންތަކާއި ދިރާސީ ކަރުދާސްތައް ހުށަހެޅުމުގެ އިތުރުން ވޯކްޝޮޕްތައްވެސް ކުރިއަށް ދާނެއެވެ.

