ދިވެހިރާއްޖޭގެ ރުއްގަހަށް ދިމާވަމުން އަންނަ ފަނިފަކުސާ ކޮންޓްރޯލްކުރުމަށް ޗައިނީޒް އެކެޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކަޓާސް) ގެ “އެންވަޔަރަންމަންޓް އެންޑް ޕްލާންޓް ޕްރޮޓެކްޝަން ރިސަރޗް އިންސްޓިޓިއުޓް”ގެ ތަޖުރިބާކާރުންގެ ވަފުދެއް، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ އިސްބޭފުޅުންނާ ބައްދަލުކޮށް، މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
އެ ބައްދަލުވުމުގައި “މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް މެނޭޖްމަންޓް އެސިސްޓަންސް ޕްރޮޖެކްޓް” ގެ ތަންފީޒީ ތަފްސީލުތަކާ ބެހޭގޮތުން ފުޅާ ވަނީ މަޝްވަރާކޮށްފައެވެ . އެ މަޝްރޫޢަކީ ދިވެހިރާއްޖޭގައި ރުއްތަކަށް ދިމަވެފައިވާ (ކޮކަނަޓް ހިސްޕައިން ބީޓަލް – Brontispa longisimia) ރުކުމަޑި މެނޭޖްކުރުމަށް އެޅޭ މުހިންމު އަދި އިސްތިރާތީޖީ ފިޔަވަޅުތަކެއް ކަމަށްވެސް ބުނެފައި ވެއެވެ. އަދި މީގެ އިތުރުންވެސް ރުއްގަހަށް ދިމާވަމުން އަންނަ ބައެއް އެހެނިހެން ބޮޑެތި މައްސަލަތައްވެސް ތަޙްލީލު ކުރުމަށްވަނީ އެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައެވެ.

