ހިތާވާ ނުވަތަ ކަމުދާ، ގަޔާވާ އަންހެންކުއްޖަކާ ބައްދަލުކޮށްލަން ނުވަތަ ކެއުމަކަށް ކަހަލަ ތަނަކަށް ދާން ތައްޔާރުވަމުން ލޯގަނޑު ކުރިމައްޗަށް ހުއްޓި ބަލާލާއިރު ބޮލުގައި އިސްތަށި މަދުވެ، ބޮލުގެ މެދުން ހުތުރު ފާޑަކަށް ބޯ ތަލަވާން ފަށާފައިވަނިކޮށް ފެނުމުން ވާނީ ކިހިނެއްބާވައެވެ. ޔަގީނުންވެސް ކުރަންދާ ކަމަށްވެސް އަމިއްލަ ނަފުސަށް ދެވިފައި އޮތް އިތުބާރު ވެސް ގެއްލި މާޔޫސްވާނެއެވެ. އަމުދުން އަންހެން ކުދިންނަކީ އެމީހުންގެ ބައިވެރިޔާގެ ސިފައާމެދު ނިކަން ތަފާތުކޮށް ވިސްނުން ހުންނަ ބައެކެވެ. ދެކޭ ލޮލަށް ފެންނަ ފެނުމަކީ މުހިންމު ކަމެއްކަން ގަބޫލު ކުރާ އަންހެންކުދިން ގިނަވަމުން އަންނަަ ޒަމާނެއްގައި ހިތުލައިގެން އުޅޭ މަންޖެ ގާތަށް ދާއިރު އުމުރާ ނުގުޅޭ ސިފައެއް، ހަމައެކަނި ބޮލުގައި އިސްތަށި މަދުވުމުން ފެންނަން ހުރުމަކީ ލަދުގަންނާނެ ކަމެއް ނޫންހެއްޔެވެ. އެހެންވިޔަސް މިއީ އަމިއްލައަށް ކުރާ ކަމަކުން ދިމާވާ މައްސަލައަކަށް ވާއިރު އެކަން ބަދަލުކުރުމަށް މަސައްކަތް ވެސް ކުރަން ޖެހޭނެ ނޫން ހެއްޔެވެ.
ތިބާއަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއް ނަމަ ނިކަން ވިސްނާލައި އެނުބައި އާދަ ދޫކޮށްލަން ހިތްމަތާއެކު މަސައްކަތް ކޮށްލުން ކީއްތޯއެވެ. ދިރާސާތަކުން ދައްކާގޮތުގައި، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ވުރެ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ބޮލުގެ އިސްތަށިގަނޑު ބަލިކަށިވެފައި، ތަލަވާ ވަރަށް އިސްތަށިފޭބުން އަވަސް ކަމަށް ވެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ބޮލުގައި ބާކީވާ އިސްތަށިގަނޑަށް ގެއްލުން ލިބި އިސްތަށި ފޭބުމަށް މަގުފަހިވާ ކަމެކެވެ. ދުންފަތް ބޭނުން ކުރުމުގެ ސަބަބުން ސައިޓޮކިންސް، ޕްރޮޓީންތައް ހަށިގަނޑުން ބޭރުވުމަށް މަގުފަހިކޮށްދެއެވެ. މީގެ ސަބަބުން އިސްތަށިގަނޑު ހަލާކުވެ، ނިކަމެތިވެ، އިސްތަށިތަކުގެ ބުޑު ހަލާކުވެ ގެއްލުންވެ ލުހިގެން ގޮސް ފޭބުމަށް މަގުފަހިކޮށްލައެވެ.
ސިނގިރޭޓް ވިޔަސް ބިޑި ވިޔަސް އަދި އެހެން ގޮތަކުން ވިޔަސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އިސްތަށި ފައިބާ ގޮތް ވަނީ ކުއްލިއަކަށް ދިމާވާ ހާލަތެއްގެ ގޮތަށެވެ. ކުއްލިއަކަށް އާދަޔާހިލާފަށް އިސްތަށި ފައިބާ ގޮތްވެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ މީހާ ދުންފަތުގެ ބޭނުން ކުރަމުން ގެންދާ ވަރަކަށް އިސްތަށިފޭބުން ދުވަހަކަށްވުރެ ދުވަހެއް ގޯސްވަމުންދެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ބޮލުގެ އިސްތަށިގަނޑު ބަލިކަށިވެފައި، ތަލަވާ ވަރަށް އިސްތަށިފޭބުން އަވަސް / ފޮޓޯ: އައިސްޓޮކް
ދިރާސާއަކުން ދައްކާ ގޮތުގައި ދުންފަތުގެ ބޭނުން ކުރާ މީހުންގެ ތެރެއިން 47 އިންސައްތަ މީހުންގެ ބޮލުގެ އިސްތަށިގަނޑު ކުއްލިއަކަށް ފައިބަން ފަށަނީ މަތިން ތަލަކޮށްލަމުންނެވެ. އަދި 24 ޕަސެންޓް މީހުންނަށް ބޮލުގެ ދެފަރާތުން ފައިބަން ފަށައި އިސާހިތަކު ބޯ ތަލަވެދެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން މީހުންގެ ސިފައަށް ކުރާ އެންމެ ބޮޑު އެއް އަސަރަކީ އިސްތަށި ފޭބުމެވެ. ސިފައަށް އަންނަ މި ބަދަލުގެ ސަބަބުން ތިމާއާ މެދު އިހުސާސް ކުރެވޭ ގޮތްތަކަށް އަސަރު ކުރެއެވެ. އެހެންކަމުން ދުންފަތުގެ އިސްތިއުމާލު ކުރުމުން އިސްތަށިފޭބުމަށް މަގުފަހިވާ ގޮތާއި އެކަމުގެ ސަބަބުން ތިމާއަށް އަސަރު ކުރާނެ ގޮތް ދެނެގަތުމަކީ މި ނުބައި ގޯސް އާދަ ދޫކޮށްލުމަށް މަގުފަހިކޮށްދޭނެކަމެއް ކަން ގައިމެވެ.
2020 ވަނަ އަހަރުގެ ރިސާޗް ޕްރޮޖެކްޓެއްގައި، ދުންފަތުގެ އިސްތިއުމާލު ކުރުމާއި، "އެންޑްރޮޖެނެޓިކް އެލޮޕެސިއާ" އާ ދެމެދު ވަރުގަދަ ގުޅުމެއް އޮތްކަން ވަނީ ފާހަގަކުރެވިފައެވެ. މި ދިރާސާގައި ބައިވެރިވި ދުންފަތުގެ އިސްތިއުމާލުކުރާ 500 މީހުންގެ ތެރެއިން 425 މީހެއްގެ ބޮލުގެ އިސްތަށިގަނޑު ނިކަމެތިވެ ފައިބަން ފަށާފައިވާއިރު، ބައެއް މީހުންގެ ބޮލުގެ މެދުން އިސްތަށި ނެތްކަމަށް ވަނީ ފެނިފައެވެ. އެއާ އަޅާ ބަލާއިރު، ދުންފަތުގެ އިސްތިއުމާލު ނުކުރާ 500 މީހުންގެ ތެރެއިން އިސްތަށިފޭބުމުގެ ނިޝާންތައް ފެނުނީ އެންމެ 100 އެއްހާ މީހުންގެ ބޮލުންނެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަށިގަނޑުގައި ފްރީ ރެޑިކަލްސް އުފެއްދުން އިތުރުކޮށް އޮކްސިޑޭޓިވް ސްޓްރެސް އުފައްދައިދޭ ކަމެކެވެ. ފްރީ ރެޑިކަލްސް އަކީ ތިބާގެ ސިސްޓަމްގައި ހިމެނޭ އެހެން މޮލިކިއުލްތަކާ އެކު ފަސޭހައިން ރިއެކްޓްކޮށް، ސެލްތަކުގެ ޑީއެންއޭ އަށް ގެއްލުން ދޭނެ މޮލެކިއުލްތަކެކެވެ. އަދި ފްރީ ރެޑިކަލްތައް މާގިނައިން އުފެދުމަކީ ނުހަނު ބޮޑެތި ގެއްލުންތަކެއް ދިމާވާކަމެކެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ބޮލުގެ އިސްތަށިގަނޑު ބަލިކަށިވެފައި، ތަލަވާ ވަރަށް އިސްތަށިފޭބުން އަވަސް / ފޮޓޯ: އައިސްޓޮކް
ދުންފަތް ބޭނުން ކުރުމުން އިސްތަށިފޭބުމަށް މަގުފަހިވާ އަނެއް ސަބަބަކީ އޭގެ ސަބަބުން ހަށިގަނޑުގައި ލޭ ދައުރުވުން ހުއްޓިގެން ދާތީއެވެ. ގަވާއިދުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ހިތާއި ގުޅިފައިވާ ނާރުތަކަށް ވެސް ގެއްލުންވެ، ހަށިގަނޑުގެ ވަށައިގެން ލޭ ދައުރުވުން މަދުވެ، ހާއްސަކޮށް އިސްތަށިގަނޑުގެ ފޮލިކަލްތައް މަދުވެ އެވެ. މީގެ މާނައަކީ އިސްތަށިގަނޑަށް ވާސިލްވާ ނިއުޓްރިއެންޓްސްގެ މިންވަރު ވެސް މަދުވެ، އިސްތަށިފޭބުން އަވަސްވެ، އެކިގޮތްގޮތަށް އިސްތަށިފައިބާ މުޅިން ބާލަން މަޖުބޫރުވެދެއެވެ.
ދުންފަތާ ދުރުވާން އެ ބޭނުން ކުރުން ހުއްޓާލުމުން ހަށިގަނޑުގައި ފްރީ ރެޑިކަލްސް އާއި ސައިޓޮކިންސް ހުންނަ މިންވަރު ދަށްވެ، އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ކުޑަވެގެންދާނެ އެވެ. އަދި އިސްތަށިގަނޑު އިތުރަށް ވަރުގަދަވެ، އިސްތަށިގަނޑު އިތުރަށް ގަދަވުމަށް އެހީތެރިވެދޭ އެސްޓްރޮޖަން ލެވެލްވެސް އަލުން މައްޗަށް ދާންޖެހެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން އެ އަމަލު ކުރުން ހުއްޓާލާތާ އެންމެ މަހެއްހާ ދުވަހުގެ ތެރޭގައި ހިތުގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނަކަމަށް ދިރާސާތަކުން ދައްކައެވެ. މިކަމުގެ ސަބަބުން އިސްތަށިގަނޑުގެ ފޮލިކަލްތަކަށް ލޭ އަދި ނިއުޓްރިއެންޓްސް ދައުރުވުން އިތުވުން އިތުރުވެ، އިސްތަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށް، އިސްތަށިފޭބުން މަދުވެ، އަދި މުޅިންހެން އިސްތަށި ފޭބުން ހުއްޓައިލައެވެ.
އިސްތަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމުގެ އިތުރުން، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުން ކާޑިއޯވަސްކިއުލާ ފަންކްޝަން ރަނގަޅުވުމުން ސްޓްރޯކް ނުވަތަ ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭނެ އެވެ. ހަގީގަތުގައި އުމުރުން 50 އަހަރު ވުމުގެ ކުރިން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލައިފިނަމަ އުމުރު ދިގުވެ، އުމުރުގެ ފަހުކޮޅުގައި ހިތުގެ ބަލިތަކުން ދުރުވެ، ސްޓްރޯކްތައް ޖެހުމާއި ދުރުވެއެވެ. އަދި ހަމައެހެންމެ ކުދިކުދި ބަލިބަލިންވެސް މީހާ ރައްކާތެރިވެ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަގުފަހިކޮށްދެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަމައެކަނި އިސްތަށިފޭބުމަށް މަގުފަހިވާ ކަމަކަށް ނުވެ، އެތައް ބައިވަރު ނުރައްކާތެރި ބަލިތަކަކަށް މަގުފަހިވާ ކަމެކެވެ. ކެންސަރުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކާއި، ހިތުގެ ބަލިތަކަށް މަގުފަހިވުމުގެ އިތުރުން، ހަށިގަނޑުގެ އިމިއުން ސިސްޓަމް ދެރަވެ، އާންމު ބަލިތަކަށް ވެސް ފަސޭހައިން ހަށިގަނޑު ހުޅުވިގެންދެއެވެ.
އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ދުންފަތުގެ އިސްތިއުމާލު ކުރަން ފަށަނީ ޅައުމުރުގައެވެ. އެކުވެރިންގެ ބާރާއި، ފެޝަނެއްގެ ގޮތުގައި ދެކިގެންނެވެ. ނަމަވެސް މި ނުބައި އާދައިގެ ސަބަބުން ދިމާވާ ގެއްލުންތައް ވަރަށް ބޮޑެވެ. އިސްތަށިފޭބުމަކީ އޭގެ ތެރެއިން އެންމެ ފާޅުކަން ބޮޑު އެއް ނަތީޖާއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް އެކަމުގެ ސަބަބުން ލިބޭ ފައިދާތައް ވަރަށް ގިނައެވެ. އިސްތަށިގަނޑު ދުޅަހެޔޮވެ، ހަށިގަނޑުގެ ޖުމްލަ ސިއްހަތު ރަނގަޅުވެ، އުމުރު ދިގުވުމުގެ އިތުރުން ފުރިހަމަ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ބޮލުގެ އިސްތަށިގަނޑު ބަލިކަށިވެފައި، ތަލަވާ ވަރަށް އިސްތަށިފޭބުން އަވަސް / ފޮޓޯ: އައިސްޓޮކް
އެހެންކަމުން، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މިހާރުން މިހާރަށް އެ ނުބައި އާދަ ދޫކޮށްލުމަށް މަސައްކަތް ކުރުން މުހިންމެވެ. އަދި ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުން އެކަމާ ދުރުހެލިވެ ތިބުމަކީ ވެސް މުހިންމު ކަމެކެވެ.
ޅައުމުރުގައި އިސްތަށިފައިބާ ބޯތަލަވުމަކީ އެތައް ބަޔަކު ލަދުގަންނަ ކަމެކެވެ. އަދި އެކަމުގެ ސަބަބުން އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ގެއްލި، އިޖުތިމާއީ ގުޅުންތަކަށް ވެސް އަސަރުކުރެއެވެ. މިފަދަ ހާލަތެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމަކީ އެޅިދާނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް އެހީތެރިވެދޭނެ ގޮތްތައް ވެސް އެބަހުއްޓެވެ. މިސާލަކަށް:
- 1. ޑޮކްޓަރެއްގެ ލަފާ ހޯދުން: ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް އެހީތެރިވެދޭނެ ބޭސްތަކާއި އެހެނިހެން ފަރުވާތަކުގެ މައުލޫމާތު ލިބިގަތުން.
- 2. އާއިލާއާއި އެކުވެރިންގެ އެހީތެރިކަން ހޯދުން: ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުގެ މަސައްކަތުގައި ގާތްތިމާގެ މީހުންނާއި އެކުވެރިންގެ އެއްބާރުލުން ހޯދުން.
- 3. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް އެހީތެރިވާ ޕްރޮގްރާމްތަކުގައި ބައިވެރިވުން: މިފަދަ ޕްރޮގްރާމްތަކުން ލިބޭ އިރުޝާދާއި އެހީތެރިކަމުގެ ބޭނުން ހިފުން.
- 4. ހެޔޮ އާދަތައް އަށަގެންނެވުން: ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ބަދަލުގައި ކަސްރަތުކުރުމާއި، ރަނގަޅު ކާނާ ކެއުންފަދަ ހެޔޮ އާދަތައް ދިރިއުޅުމުގައި ހިމެނުން.
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އިސްތަށިފޭބުމަށް މަގުފަހިވުމުގެ އިތުރުން އެތައް ބައިވަރު ނުރައްކާތެރި ސިއްހީ މައްސަލަތަކަކަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން، ޅައުމުރުގައި އިސްތަށިފައިބާ ބޯތަލަވުން ބޭނުން ނޫންނަމަ އަދި ދުޅަހެޔޮ ސިއްހަތެއްގައި ދިގު އުމުރަކަށް އެދޭނަމަ، ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެ، އެ ނުބައި އާދަ ދޫކޮށްލުމަށް މަސައްކަތްކުރުން މުހިންމެވެ. މިއީ ފ މިއީ ފަސޭހަ ކަމަކަށް ނުވިޔަސް، އޭގެ ނަތީޖާ ވަރަށް ރަނގަޅުވާނެއެވެ. ދުޅަހެޔޮ ސިއްހަތެއްގައި، ފުރިހަމަ އިސްތަށިގަނޑަކާއެކު، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

