އަންނަ އަހަރު އދ. މަހިބަދޫގައި ގިނަ މަޝްރޫތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ވިދާޅުވެފައިވަނީ މިއަދު މަހިބަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މާފަރު ފަޅަކީ އެ ސަރަހައްދުގެ ތަރައްޤީއަށް އެންމެ މުހިންމު މަންޒިލެވެ. އެހެންކަމުން، ރައްޔިތުންގެ އެދުމާ އެއްގޮތަށް މި ފަޅު މަހިބަދޫގެ އިޚްތިޞާޞްގެ ތެރެއަށް ވަނީ ހިމަނާފައެވެ. އަންނަ އަހަރުގެ ތެރޭގައި ރައްޔިތުން އެދޭ ގޮތަށް ކޮންސެޕްޓް ރަސްމީކޮށް ފައިނަލްކޮށް، އަމަލީ ގޮތުން ބިން ހިއްކުމާއެކު އެހެނިހެން މަސައްކަތްތައް ތަރުތީބުކޮށް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުގައި އަރބަން ސެންޓަރުތައް ގާއިމުކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ދުރު ރާސްތާގެ ތަރައްޤީއަށް ރާއްޖެ ބައްޓަންކުރުމުގެ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އޭގެ ސަބަބުން ތަޢުލީމީ، ޞިއްޙީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ދާއިރާތަކުން އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މަހިބަދޫގައި އަންނަ އަހަރަށް ރޭވިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ފެށުމާއި، އަންހެނުންނަށް ހޭންޑްބޯލް ކޯޓެއް އެޅުމާއި، ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުމާއި، ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކުރުމާއި، އަދި ހޮސްޕިޓަލުގެ ޖާގަ އިތުރުކޮށް ތަރައްޤީކުރުން ހިމެނެއެވެ. މި މަސައްކަތްތައް ކުރިއަށް ގެންދާނީ ކައުންސިލާއި މަޖިލިސް މެންބަރާ ގުޅިގެން ކަމަށާއި، ރައްޔިތުންގެ ޚިޔާލުވެސް މި ކަންކަމުގައި ހޯދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

