ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުން މަނާކުރެވުމާއެކު ދިވެހި މުޖުތަމަޢުގައި ރިވެތި އަޚުލާޤު އަށަގެންނެވި، ދިވެހިރާއްޖެއަށް ވަށައިޖެހޭ ތަރައްޤީއެއް ގެނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައިވަނީ އަރިއަތޮޅު ދެކުނުބުރީ މަހިބަދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ޤައުމެއް ތަރައްޤީވެ ކުރިއަރައި ދިޔުމުގައި އެ ތަނެއްގައި އުޅޭ މީހުން ފިކުރީ ގޮތުން ތަރައްޤީކުރުން މުހިންމު ކަމަށެވެ. މިގޮތުން ކުރިން ދިވެހިންގެ ކިބައިގައި ހުރި ރީތި ސިފަތައް އަލުން އަށަގެންނެވުމާއެކު އިސްލާމީ ރިވެތި އުޞޫލުތައް ދިވެހިންގެ ކިބައިގައި އަށަގެންނެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"ގިނަ އަދަދެއްގެ ދިވެހި ޒުވާނުންނާއި ކުޑަކުދިން ދެވިހިފާފައިވާ ވޭޕްގެ ނުބައި ޢަމަލު މަނާކުރަން ނިންމީވެސް މުޖުތަމަޢުގެ އަޚުލާޤީ ފޭރާން ވަރުގަދަކުރުމަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ހިލޭބެހުމާއި ވިއްކުން މަނާކުރަން ނިންމެވީ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ. އަދި މި ނިންމުމާއެކު ރިވެތި އަޚުލާޤު އަށަގެންނެވި ފިކުރީ ގޮތުން މީހުން ތަރައްޤީވެ، ވަށައިޖެހޭ ތަރައްޤީއެއް ޤައުމަށް ގެނެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
"ރައްޔިތުން އެދެމުންދިޔައީ ޤައުމުގެ ދަރިން ވޭޕްގެ ވަބާއިން ސަލާމަތްކޮށްދޭށޭ. އެއީ ވަށައިޖެހޭ ތަރައްޤީ ގެނައުމަށްކުރާ މަސައްކަތެއް. ޞިއްޙީ ގޮތުން ޒުވާނުންނާއި ޢާންމު ރައްޔިތުން ސަލާމަތްވެގެން ތިބެގެން ނޫނިއްޔާ ޤައުމަށް އެއްވެސް ކަމެއް ނުކޮށްދެވޭނެ. ޤައުމެއް ކުރިނާރާނެ،" ރައީސް ވިދާޅުވިއެވެ.
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނެވުނު އިސްލާޙުތަކާއެކު ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ހިލޭބެހުން މިއަދުން ފެށިގެން ވަނީ މަނާވެފައެވެ. އަދި ޤާނޫނާ ޚިލާފަށް މިއިންއެއްވެސް ކަމެއް ކޮށްފިނަމަ، ބޮޑެތި އަދަދުތަކުން ވަނީ ޖޫރިމަނާ ކަނޑައަޅާފައެވެ.

