ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، މަހިބަދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވި މާފަރުފަޅާއެކު އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުން ހަގީގަތަކަށް ހަދައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފިއެވެ.
މިއަދު ބޭއްވުނު މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ، މަހިބަދޫއަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއް ފުއްދަވާނެކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ މިއަހަރުގެ އޭޕްރީލް މަހު އދ. މާފަރުފަޅު މަހިބަދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވި ކަމެވެ.
ރައީސް އިތުރަށް ވިދާޅުވީ، އަންނަ އަހަރު ރައްޔިތުން އެދޭ ގޮތަށް ކޮންސެޕްޓް ފައިނަލްކޮށް، އަމަލީ ގޮތުން ބިން ހިއްކުމާއެކު، މާފަރުފަޅަކީ މަހިބަދޫ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުން ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. މިއީ ރާއްޖޭގައި ތަރައްޤީކުރަން ކަނޑައަޅުއްވާފައިވާ 7 އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މި ތަރައްޤީއާއެކު މަހިބަދޫގެ ބޯހިޔާވަހިކަމަށާއި އެ ސަރަހައްދުގެ އިޤްތިޞާދީ މަސައްކަތްތައްވެސް ފުޅާވެ، މަހިބަދޫއަކީ ފައިދާވާނެ ހަބަކަށް ވާނެ ކަމަށެވެ. އަދި މަހިބަދޫގެ މިހާރުގެ ބިމުގައި 100 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަޢުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފައްޓަވައި، 2025 ވަނަ އަހަރުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.
މީގެ އިތުރުން، މާފަރުފަޅު ހިއްކުމާ ހަމައަށްވެސް މިހާރުގެ ބިމުގައި ލޭންޑް ޔޫސް ޕްލޭންގައި ހިމެނޭ އެހެނިހެން ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމާއި، އިސްލާމިކް ސެންޓަރު ތަރައްޤީކުރުމާއި، ހޮސްޕިޓަލު އިތުރަށް ތަރައްޤީކުރުން ހިމެނެއެވެ.
މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ، މި ހުރިހާ ތަރައްޤީއަކީ ރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭންގެ ބައެއްކަމަށާއި، މިއީ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ތެރެއިން ރާއްޖެއަށް ދެމެހެއްޓެނިވި ތަރައްޤީ ގެނެވޭނެ ކަމެއް ކަމަށެވެ.

