“ނަވީން އަސްލުވެސް ސިންގަލްތަ؟” ކުޑަ ހިނދުކޮޅަކު މަޑުން ހުރުމަށްފަހު ތުގާ އެހިއެވެ.
“މެރީޑް ހެން ހީވަނީތަ؟…މެރީޑްއޭ ބުނެފިއްޔާ،” ނަވީން ބޭނުންވީ ތުގާ ބުނާ އެއްޗެއް ބަލާލާށެވެ. މެރީޑް ނަމަ ތުގާ އޭނާއާއި ވާހަކަ ދައްކާނެ ބާއޭ ނަވީން ހިތަށް އެރުމާ އެކުގައެވެ. ތުގާގެ ވިސްނުން ބަލާލުމުގެ ބޭނުމުގައި ވެސް މެއެވެ.
“ވަގުތުން ފޯނު ކަނޑާލާނަން..ނަންބަރ ބުލޮކް ކޮއްލާނަން،” ތުގާ ވަގުތުން ޖަވާބު ދިނެވެ.
“ހަމަޖެބަލަ…އަހަރެން މެރީޑްއެއް ނޫނޭ،” ތުގާ ފޯނު ބާއްވަފާނެތީ ނަވީން ޖެހިލުން ވިއެވެ.
“މާލޭގައި އުޅެނީ ފެމެލީއާއެއްކޮށްތަ؟…ކިތަށް މީހުން ތިބޭ ތި ފެމެލީގަ،” ތުގާ އޮޅުން ފިލުވަން ބޭނުން ވިއެވެ. މާ ބޮޑު ފެމެލީއެއް ގެ ތެރެއަށް ދާކަށް ތުގާ ބޭނުމެއް ނޫނެވެ.
“އަހަރެން ފެމެލީގައި ހުންނަނީ އަހަރެންގެ އިތުރުން މަންމަ… ބައްޕަ އަހަރެން ގްރޭޑް 9 ގައި އުޅެނިކޮށް ނިޔާވެއްޖެ.. މަންމަ ވަރަށް ލޯބިވާނެ އަހަރެން ދެކެ…މަންމަ އާއި އަހަންނާ ކުލީ ކޮޓަރިއެއްގާ މިހުންނަނީ.. ދެން ތުގާ ފެމެލީއޯ،” ނަވީން އޮޅުން ފިލުވާދިނުމަށްފަހު ހަމަ އެސުވާލު ތުގާ އަށް ކޮށްލިއެވެ.
“އަހަރެންގެ ހުރީ މަންމަ އާއި ބައްޕަ ދެން އަހަރެން…އަހަރެމީ މާލޭ ކުއްޖެއް،” ތުގާ ޖަވާބު ދިނެވެ.
“ކީއްވެ ތުގާ އެދުވަހު އެވަރަކަށް އެބެލީ….އަހަރެން ދަންނަންތަ ކުރިންވެސް،” ނަވީން އޮޅުން ފިލުވަން ބޭނުންވިއެވެ. އެދުވަހު ތުގާ އެވަރަށް ބެލި ސަބަބެވެ. އޭނާ އެދުވަހުގެ ކުރިން ތުގާ ނުވެސް ދަންނާތީ އާވެސް އެކުގައެވެ.
“ދެން ނަވީން..،” ތުގާ ލަދުގަތެވެ. އޭނާގެ އަޑުން އެކަން ނަވީންއަށް އެނގުނެވެ. އެހެން ކަމުން ނަވީން ބޭނުންވީ ތުގާ އިތުރަށް ލަދުގަންނަވާލާށެވެ.
“ރީތި ހޫރެއް އަހަންނާ ދިމާއަށް ޖާދުވީ ލޮލުގެ ނަޒަރު ހުއްޓާލައިގެން ހުރުމުން ހިތުގެ ހިމަ ނާރުތަކަށް ހީވީ ކަރަންޓް ޝޮކެއް ޖެހުނުހެން،” ނަވީން ހީލަމުން ބުނެލިއެވެ.
“އަޅެ ދެން މިނަވީންވެސް..” ތުގާ ލަދުން ބޮޑިވެގަތެވެ. އެމަންޒަރު ބަލަން ކައިރީގައި ނަވީން ނެތްކަން ނަސީބެކޭ އޭނާގެ ހިތަށް އެރިއެވެ. އެހެން ނޫން ނަމަ އޭނާ މިރޭ ލަދުން މަރުވީހެވެ.
“ވަރަށް އުފާވި ތުގާއާއި ދިމާވީމަ…ނަންބަރ ދޭނެކޭ ހިތަކަށްވެސް ނާރަ…އެޕްބީ އައިޑީވެސް ފޮނުވާލައްޗޭ،” ނަވީން އެދުނެވެ.
“ހޫނ…އަހަރެންވެސް..” ތުގާ ހުރީ ހަގީގަތުގައިވެސް ވަރަށް އުފަލުންނެވެ.
އޭނާއަށް ހިތްހަމަ ޖެހޭކަހަލަ މީހަކާ ދިމާވެއްޖެ ކަމުގެ އިޙްސާސް ކުރެވެން ފެށީ ނަވީން އާއި ދިމާވެ ވާހަކަ ދައްކަން ފެށުމުންނެވެ. ކުރިން ދިމާވާ އެހެން މީހުންނާ ނަވީން ހާސްބައި ތަފާތެވެ. އޭނާގެ މިޒާޖާއި ބުނެލާ ބަސްތައް ތުގާ ހިތަށްވެސް ހިތްހަމެޖުން ގެނުވައެވެ. ރޭގަނޑު އެތަށް އިރެއްވަންދެން ނުނިދާ ނަވީންގެ ޚިޔާލުގައި ތުގާއަށް އޮވެ ވެއެވެ. ނަވީނަކީ ހާދަ ކެއަރ ކުރާ މީހެކޭ ތުގާ ގެ ހިތަށް އަރައެވެ. މިއަށް ވުރެ ކުރިން ނަވީނާ ދިމާވި ނަމައޭ އޭނާ ހިތް ބުނިއެވެ.
“އަދިވެސް ނުނިދަންތަ…ކިތައްދުވަހު ބުނެފިން އަހަރެންނަށް ފާރަލާން ތިޔަހެން ހޭލާ ނޯންނާށޭ….ތިޔަ ކަމުން ވާނެ ފައިދާއެއް ނޯންނާނެ…އަހަރެން އަންނާނެ ގަޑިއަކު ގެއަށް އަންނާނީ،” ބަތޫލްގެ އިސްތަށިގަނޑުގައި ހިފައި ލަތްކެއް ޖަހާލަމުން ޖިނާން ހަޅޭލަވައިގަތެވެ.
އެއަޑުގައި ވަނީ ރުޅިވެރިކަމެވެ. ފޯނާއި ކުޅެން އޮތް ބަތޫލް ގެ އަނގައިން ވޭނީ “އާޙް” އެއްގެ އަޑު ބޭރުވިއެވެ. ވީތަދުންނެވެ. ތަދުވީވަރުން ބަތޫލްއަށް އޭނާޣެ ބޮލުގެ އިސްތަށިގަނޑުގައި އަތް ކާއްތާލެވުނެވެ. ދެލޮލުން ކަރުނަ ނިރާލިއެވެ. އެކަމަކު މިއަދު އެ ކަރުނަ ފެނި ޖިނާނު ރަހުމް ކުރާނެ ކަމަށް ދެކުމަކީ ބޭކާރު ކަމެކެވެ. ޖިނާން މުޅިން ބަދަލު ވެއްޖެއެވެ.
“ޖިނާން ތަދުވެޔޭ،” ބަތޫލަށް ބުނެލެވުނެވެ. ޖިނާނާއި ދިމާއަށް ބަލާލަމުންނެވެ.
“ތަދުކުރާށޭ މިހިފީ…އަހަރެން ބުނާ އެއްޗެއް ގަބޫލު ނުކުރެވެންޏާއި ތަދުވެސް ވާނެ…އަނިޔާވެސް ވާނެ،” ނުރުހުމާއެކު ޖިނާން ވާހަކަ ދެއްކިއެވެ.
“ކީއްވެ ޖިނާން ތިޔަހެން ކަންތައް ތިކުރަނީ…އަހަރެމެންނަށް ލިބިފައިއެވާ ދެކުދިންގެ ހައްގުގައިވެސް ތިޔަ އުޅުން ދޫކޮށްލަބަލަ…ޕްލީޒް އަހަންނަށް ރަހުމްކޮށްބަލަ…،” ބަތޫލް އާދޭސް ކުރިއެވެ.
އެ އާދޭހުގެ ސަބަބުން ޖިނާންގެ ހިތަށް ހަމްދަރުދީ ވަނުމުގެ ބަދަލުގައި އެ ހިތުގައި ހީވީ ނަފްރަތުގެ އަލިފާން ހިފި ހެންނެވެ. ޖިނާން ހީކުރެއެވެ. އޭނާ ކިތަންމެ އަނިޔާ ވެރި ވިޔަސް ބަތޫލް ދާނެ އެހެން ތަނެއް ނެތެވެ. ބަތޫލުގެ މައިންބަފައިން ވަނީ މަރުވެފައެވެ. އެހެން ކަމުން ޖިނާން ހެދިހާ އެއްޗެއް ހެދިގެން ބަތޫލް ޖެހޭނީ އޭނާގެ ކައިރީގައި މަޑުމަޑުން ހުންނާށެވެ. އެނޫން ގޮތެއް ބަތޫލަކަށް ނޯންނާނެއެވެ.
“ތިޔަ ލެކްޗަރުތަށް އަހަންނަށް އިއްވާނެކަމެއް ނެތް….ބޮޑު އުނދަގުލަކަށް ވެއްޖޭމިހާރު…ގެއަށް ވަދެވޭއިރަށް ތިޔަ ބަނދިވަރެއް ކިޔަންވޭތަ؟” ބަތޫލް ގެ ކޯތާފަތަށް ޖިނާންގެ އަތުގެ ހޫނު ހަމަލާއެއް އެރިއެވެ.
“އަހަރެން މިކިޔަނީ ބަނދިވަރެއްތަ…އަހަރެމެން ދެމީހުން މީ ކިހާ ލޯބިން އުޅުނު ދެމީހުންތަ؟…މިއަދު އެކަން ކޮބާ؟…އެލޯބި މިއަދުވެސް އަހަރެން ބޭނުންވާނެ ކަން ޖިނާނަށް ނޭންގޭތަ؟ … އެއަޅާލުން އިންތިހާއަށް ބޭނުންވާނެކަން ޖިނާން ހަނދާން ނެތުނީތަ؟” ވީތަދުން ކޮލުގައި ފިރުމާލަމުން ބަތޫލް ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުގައެވެ.
ޖިނާންއަށް ވިސްނޭނީ ކޮންދުވަހަކުންބާއޭ ބަތޫލް ހިތަށް އަރައެވެ. ޖިނާން މަޑުމަޑުން ބަތޫލްދެކެ ފޫހިވަމުން ދަނީ ކީއްވެބާއޭ ބަތޫލް ހިތާހިތުން ކިޔާލިއެވެ. އެހާ އުފަލުގައި އުޅެމުން އައި ފެމެލީއަށް މިޖެހުނީ ކޮންފަދަ ގިލަން ވެރިކަމެއް ބޭއެވެ. ވިސްނާ ވިސްނާ ބަތޫލްގެ ސިކުނޑި ސުމަކަށް ދާން ކައިރިވެއްޖެއެވެ. މީހާ މާޔޫސްވެ ގޮތް ހުސްވެއްޖެއެވެ.
“ބަލާބަލަ މީހާގެ ސިފަ…ދެކުދިން ލިބުނުފަހުން ތި މީހަކު ހުރި ފާޑު…އަހަރެން ގެޔަށް އަންނައިރު ތިހުން ގޮތް..ފިރިމީހާ ފޫހިވާނެކަން ނޭންގޭތަ….ދެން މިހާރު ވަގުތު ފާއިތުވީމަ ކޮންވާހަކައެއް ތިޔަ ދައްކަނީ…އެހެން ނޫނަސް އަހަރެން ބަތޫލްއާއި އިނީ ބަތޫލްގެ ސިފަ ރީތިވީމަ…އަޅައިގަންނަ ގޮތެއް ހުރީމަ…މިހާރު އެއިންކަމެއް ނެތެއްނު…ޝުކުރު ކޮށްބަލަ އަހަރެން ބަތޫލްއާއި އެކު އުޅޭކަމަށްޓަކައި…ވަރިނުކޮށް ގެންގުޅޭ ކަމަށްޓަކައި،” މަލާމާތުގެ ރާގުގައި ޖިނާން ވާހަކަ ދެއްކިއެވެ.
-ނުނިމޭ-

