“ކީއްވެ ރުޅިއައީ.” ނުދަންނަ އެޒުވާނާ ވާހަކަ ދެއްކީ ބަތޫލާއި އެވެ.
ބަތޫލް ހުރީ އަތިރިމަތީގައެވެ. ދެކުދިން ގޮވައިގެން އައިހެވެ. އެއީ ފަހަކަށް އައިސް އޭނާގެ އާދައެކެވެ. އެކަނިވެރިކަމާއި ހިތާމަތަކަށް ތަސައްލީއެއް ހޯދުމަށް އޭނާ އިންނަނީ އެ ހިތްގައިމު އަތިރިމަތީގައެވެ. ކަނޑުން އަންނަ ފިނި ރޯޅިތައް ބީހިލާ ހިސާބުގައެވެ. ކަނޑުފެނުމުން ހިތަށް ހަމަޖެހުން ގެނުވާކަން ތަޖުރިބާ ކުރެވިފައި ހުރުމުންނެވެ.
“އަހަރެން މީ މީހެއްގެ އަތްބެކޭ…ކީއްވެފަހަތުން ނެއްޓެން ނޭންގިގެން ތި އުޅެނީ،” ބަތޫލް ގެ އަޑު ކުޑަކޮށް ބާރު ވިއެވެ. ބަތޫލް ރުޅިއައި ނަމަވެސް އެޒުވާނާ ދުރަށް ދާކަށް ނޫޅުނެވެ. އ
“އަހަރެން ސުވާލެއް ދޯ ކޮށްލީ….އެއީ ރުޅިއަންނަވާ ވަރު ކަމެއްތަ؟” އެޒުވާނާ ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.
“އަރެން ބޭނުމެއް ނޫނޭ ވާހަކަ ދައްކާކަށް ކިތައްފަހަރު ބުނެފިންތަ މިތަނުން ދާށޭ…ޕްލީޒް މިތަނުންދޭ،” ބަތޫޅް އާދޭހުގެ ރާގެއްގައި ބުނެލިއެވެ. ފަހަރެއްގައި ހިތަށް އެއްޗެއް ވަދެގެންވެސް އެތަނުން އެ ނުދަންނަ މީހާ ދޭތޯއެވެ. އެ ޒުވާނާ ހުރުމުން ބަތޫލްގެ މޫޑް އިތުރަށް ގޯސްވާތީއެވެ. އެކަހެރިވެލަން ލިބޭ ފުރުސަތުގެ ބޭނުން ނުހިފޭތީއެވެ
“ޔޫ މެރީޑް ކަމަށް ވެދާނެ…އެކަމު ތިމޫނުން ފެންނަނީ ހިތާމަ…ހިތްދަތިކަން….ތި މޫނުގައި އުޖާލާކަމެއް ނެތް….ތިލޮލުން ކަރުނަ އަންނަ ތަން ކުރީ ދުވަހުވެސް ދުށިން….ހިޔެއް ނުވެ ތީ ހެޕޯ ލައިފްއެއް ހެނެއް،” އެ ޒުނާވާ ފާޅުކުރީ ހަގީގަތެވެ. އެހެނަސް ނުދަންނަ ބީރައްޓެއްސަކަށް ހަޔާތުގެ ހުރިހާ ވާހަކައެއް ކިޔައިދޭން ޖެހޭނެ ކަމަށް ބަތޫލް ނުދެކެވެ. އަދި ނުދަންނަ މީހަކު އައިސް އޭނާގެ ޕާސަނަލް ލައިފް އޮޅުން ފިލުވަން ޖެހޭނެކަމަށްވެސް ބަތޫލް ގަބޫލެއް ނުކުރެއެވެ.
“އަހަރެން ހެޕީ ލައިފެއް ގައި ނޫޅުނަސް ތިބޭފުޅާއަށް ކީއް….ޕްލީޒް އާދޭސްކޮށްފަ ބުނަން ….މިތަނުންދޭ،” އެނެއްކާވެސް ބަތޫލް އެޒުވާނާގެ ކައިރިން އެދުނީ އެތަނުން ދިއުމަށެވެ.
“ނުދާނަން މީ އެންމެގެ ވެސް ބީޗް ކީއްވެ އަހަރެން ދާންވީ،” އެޒުވާނާ ހުރީ ދާގޮތަކަށް ނޫންކަން އޭނާގެ ވާހަކަ ދެއްކި ގޮތުން އެނގުނެވެ.
ބަތޫލް ހިތުގައި ޖެހުނެވެ. ހިތާމަ އާއި އެކަނިވެރިކަމުން ތަސައްލީއެއް ހޯދަން އަންނަ ތަނަށްވެސް ދެން ނާދެވޭނެއެވެ. ފަހަތު މިއަޅުވާލީ ދުރުވަން ނެތް ވިގަންޔެކެވެ. އެހެންކަމުން މި ހިތްގައިމު ބީޗަށް ވެސް ދެން އަލްވަދާއު ކިޔަން ވީއެވެ. ކިހާ ހިތާމަވެރި ހެއްޔެވެ. ކިތަންމެ އިރަކު ހުރި ނަމަވެސް އެ ނުދަންނަ ޒުވާނާ އެތަނުން ނުދާނެކަން ބަތޫލަށް ގައިމެވެ. އެހެންކަމުން ބަތޫލް ތެދުވިއެވެ. އެތަނުން ދިއުމަށެވެ.
“ދަނީތަ؟” ބަތޫލް ތެދުވުމުން އެޒުވާނާ އެހިއެވެ.
ބަތޫލް އެއްޗެއް ނުބުނެ ހިނގައި ގަތީއެވެ. އޭނާ އާއި ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. ބަތޫލް ހިނގައި ގަތުމާއެކު އެ ނުދަންނަ ޒުވާނާ ބަތޫލްގެ އަތުގައި ހިފިއެވެ. ކުއްލިއަކަށް އެޒުވާނާ ބަތޫލްގެ އަތުގައި ހިފުމުން ލިބުނު ސިހުމާއެކު ބަތޫލަށް އެޒުވާނާ އާއި ދިމާއަށް ބަލާލެވުނެވެ. އެވަގުތު ވީ ބަތޫލް ހޯދަމަށް ނުކުމެ އުޅުނު އޭނަގެ ފިރިމީހާ ޖިނާން އަށް އިއްތިފާގުން އެތަނަށް އާދެވުނު ވަގުތެވެ.
“ބީޗަށޭ ކިޔާފައި އައިސް ކޮންމެ ދުވަހަކު މީ ދޯ ގަންނަ ގަޑަކީ؟….ބަލާބަލަ ހުރި ގޮތް ކުޑަކަން،” ޖުނާން ހުރީ ރުޅި އައިސް ފުފިފައެވެ.
އޭނާގެ މޫނުން ހީވަނީ އަލިފާން ކަނި ބުރާ ހެންނެވެ. މޫނުމަތީގައި ހުރީ ރުޅި ވެރިކަމުގެ އަސެވެ. އެ ޒުވާނާއަށް ބަތޫލްގެ އަތުން ދޫކޮށް ލެވުނެވެ. ބަތޫލް އިސްޖަހާލީ ލަދުންނެވެ. ވީ ދެރައިން ބަތޫލްގެ ލޮލުން ނިރާލީ ކަރުނައެވެ. އޭނާއަށް މިއަދު ލިބޭނެ އަދަބު އަންދާޒާ ކޮށްލަންވެސް ބަތޫލަކަށް ނޭންގެއެވެ. ޖިނާން މި ފެނުނީ ހަގީގަތެއް ނޫންކަން ބަތޫލަށް ބަޔާންކޮށް ދެވޭނީވެސް ކިހިނެއް ހެއްޔެވެ؟ އެ ޒުވާނާގެ ސަބަބުން ބަތޫލް ގެ ބޮލުގައި އިތުރު އިލްޒާމެއް އެޅުނީއެވެ. ނުރުހިފައި ބަތޫލަށް ބަލައި ލެވުނީ އެ ޒުވާނާއާއި ދިމާއަށެވެ. ރުޅި ވެރިކަމާއެކު އަތް މުއްކަވާލައިގެން ހުރެ ހިނގަމުން އެމީހުންނާއި ކައިރިއަށް އަންނަމުން ދިޔަ ޖިނާނާއި ދިމާއަށް ހައިރާން ވެފައި ބަލަން އެޒުވާނާ ހުއްޓެވެ. ނުރުހިފައި ބަތޫލް ބަލާލުމުން ކުއްވެރިއެއް ފަދައިން އެޒުވާނާ އިސްޖަހާލިއެވެ.
“ހަމަ މިހާރު ގެއަށް ހިނގާ!” ބަތޫގެ މޫނު މަތީގައި ޖަހަމުން ޖިނާން އަމުރު ކުރިއެވެ.
ބަތޫލް އަތުގައި ހިފައިހެން ގެއާއި ދިމާއަށް ހިނގައި ގަތެވެ. ކިޔަމަންތެރި ކަމާއެކު ބަތޫލް ޖިނާނާއެކު ދިޔައެވެ. މިއަދު ދެން އަންނާނެ ތޫފާނަކާމެދު ބަތޫލަށް ވިސްނެއެވެ. އެކަން އިހްސާސް ކޮށްލެވުނަސް ގައިން ހީބިހި ނަގައިގެން ދެއެވެ. ކަންނުވެ ނަން ވީއެވެ. ބަތޫލަށް އަނިޔާ ވެރި ވުމަށް ޖިނާނަށް ކަމެއް ދެއްކުނީއެވެ. ނުކުރާ ކަމެއްގެ ބަދުނާމު އެޅުނީއެވެ. މި ހުރިހާ ކަމެއް މިޖެހުނީ އެޒުވާނާގެ ސަބަބުންނެވެ. ފެންނަ އިރަށް ނުވެސް ދަންނަ މީހުންގެ ގަޔަށް އަތް ލަން ވޭ ހެއްޔެވެ.
“ތިވައްތަރަށް ނުތެޅި ރީތިކޮށް ބުނި ނަމަވެސް އަހަރެން ބަތޫލް ވަރިކުރީހޭ…ގޮތްކުޑަކަމުން ތެޅޭ ވައްތަރު ބަލާބަލަ،” ގޭގެ ސިޓިންގ ރޫމް ތެރެއަށް ބަތޫލް ހޫރާލަމުން ޖިނާން ހަޅޭލަވައި ގަތެވެ.
ބަތޫލް ކައިރީގައި ހުރި އެމީހުންގެ ދެކުދިން އަޑުގެ ކޮޅަށް ރޮއިގަތެވެ. ތަޅުމުގައި ބަތޫލް ޖެހުނު ގޮތުން ތަދުވެގެން ބަތޫލަށް އުނަގަނޑުގައި އަތް އަޅާލެވުނެވެ. ވޭނީ އާހެއް އޭނާގެ އަނގައިން ނުކުތެވެ. ތަދުވީވަރު އޭނާގެ މޫނުން ސިފަވަމުން ދިޔައެވެ. އެމަންޒަރު ޖިނާނަށް ފެނުނު ހެނެއް ހިޔެއް ނުވެއެވެ. އެވޭނީ އަޑު އިވުނު ކަމަކަށް ނުވިއެވެ. ކޮޅުފައިން ބަތޫލްގެ އުނަގަނޑުގައި ޖެހީ ހުރި ބާރަކަށެވެ. ވީތަދުން ބަތޫލަށް ރޮއިގަނެވުނެވެ. ފާޑަކަށް ހަޅޭލަވައި ގަނެވުނެވެ.
“ހޭރޭނެ ކަމެއް ނެތް…ތީ އަމިއްލައަށް ލިބިގަންނަ ކަމެއް،” ޖިނާން ކޮޓަރިއަށް ވަނެވެ.
ބަތޫލް އޮތީއެވެ. ނުތެދުވެފައެވެ. އޭނާގެ ލޮލުން އަންނަމުން ދިޔަ ކަރުނަ ތައް ހުއްޓުމެއް ނެތި ކޯތާފަތުގައި ބީހިލަމުން ފައިބަމުން ދިޔައެވެ. ލޯބިވާ ކުޑަކުޑަ ދެކުދިން ރޯލަރޯލާ މަންމަގެ ކައިރީގައި އިށީދެ ގެން އިނެވެ. މައަދު ބަތޫލަށް ހުރި ގޮތަކީ މެއެވެ. ޖިނާނުގެ އަނިޔާ ވެރިކަމަށް ކެތް ކުރުމެވެ. ފިރިމީހާ ހުއްޓެއް ކަމަކު ބަތޫލް އުޅެން ޖެހިފައި މިވަނީ އެކަނިވެރި މޮޅިވެރި ދިރިއުޅުމެކެވެ. ހިތާމައާއި ކެކުޅުމުގެ ދުނިޔެއެއް ގައެވެ.
“ތުގާ އާއި ދިމާވި ފަހުން ހާދަ ވަގޭ މިހާރު،” ނަވީން ގެ އެކުވެރިޔާ ޒަލަފް ގުޅުމުން ނަވީން ފޯނު ނެގުމާ އެކު އޭނާ ބުންޏެވެ.
“ވަގީ އެއް ނޫނޭ….އޮފީސް ވެސް މާ ބިޒީއީ…ދެން ތުގާ ކައިރިއަށް ވެސް ދާން ޖެހޭނެއްނު …އެއީ އެކުން ވާގޮތަކީ،” ނަވީން ހާމަ ކުރީ ކަން އޮތް ގޮތެވެ.
އޭނާ ޒަލަފް އާއި ދުރެއް ނޫނެވެ. ޒަލަފް އެއީ އިއްޔެވެސް މިއަދު ވެސް އަދި މާދަމާގެ ވެސް ނަވީން ގެ ބެސްޓް ފްރެންޑެވެ. އެކަމެއް ބަދަލެއް ނުވާނެއެވެ. އެ ހަގީގަތް ބަދަލެއް ނުވާނެއެވެ. ނަވީން ގުތާ ގެ މީހަކަށް ވިއަސް ޒަލަފް ހުންނާނީ އެ މަގާމުގައެވެ. ނަވީންގެ އެންމެ ގާތް އޭނާގެ ބެސްޓް ފުރެންޑްގެ މަގާމުގައެވެ.
“ދެން ބުނާނީ ތިހެން…އަހަންނަށް އެނގެޔޭ ނަވީން…ބޯދަމައިގަންނާތި…ހުރީހާ ކަމަކުން….ބަހާނާ އެއް ހޯދާނެ ކަން އެނގޭ ބުނި އިރުވެސް …. ކީއްތަ ވާނީ އަހަންނާ އެކު ކޮފީއަކަށް އަރާލަން އައީއްޔާ….ހާދަ ދުވަހެއް ވެއްޖޭ ކޮފީއަކަށް ނާރާލާތާވެސް،” ޒަލަފް ޝަކުވާ ކުރިއެވެ. ނަވީނަށް ވަގުތެއް ނުވާތީ އެވެ.
“އޯކޭ…މިހާރު މި ނައްޓާލަނީ ….ކޮންތާކައްށޭ ދާންވީ…ދާންވީ ތަން ބުނޭ…ދިހަމިނެޓް ތެރޭ އަހަރެން އިންވާނެ….ޒަލަފް އަށް އަނބި ގޮއްޔެ ކައިރިން މިންޖު ވާނެބާ،” ނަވީން ވެސް ދިމާކޮށްލިއެވެ.
“އަހަރެން މީ ނަވީނެއް ނޫނޭ…މެރީ ކުރީކީ އެއް ނޫން….އެ ކަބުލޮ ކައިރިން މިންޖެއް ނުވެ މިހާރުވެސް…ދެން ކޮބާ އަދި މެރީ ކުރީމަ ހާލަކީ،” ޒަލަފް ހީގަންނަމުން ބުނެލިއެވެ.
“އިނގެދާނެތާ …ދެންވެސް ހާސަރު ދިގު ނުކޮށް އަންނަން އުޅޭ…މިރޭ އެބަ ޖެހޭ ތުގާ މެން ގެއަށް ދާންވެސް،” ނަވީން ކުއްލިއަކަށް ތުގާ މެން ގެއަށް ދާން ޖެހޭ ހަދާން ވިއެވެ.
“ކޮބާ؟ އަހަރެން ބުނީމެއްނު …އެ މަންޖެ ކައިރިން ސަލާމަތެއް ނުވާނޭ،” އަނެއްކާވެސް ޒަލަފަށް ލިބުނީ ނަވީނާއި ދިމާކޮށްލުމަށް އަނެއް ޕޮއިންޓެވެ.
“ތި ވާހަކަ ދެއްކޭނީ އައީމަ….ބޭއްވީ،”
“އޯކޭ…އާދޭ އާޓިފިޝިއަލް ބީޗް ކައިރިއަށް …އެތަނުން އެއްކަލަ ކެފޭ ރަގަނޅު ވާނެ އެއްނު،” ޒަލަފް ހަދާންވީ ކުރީ ދުވަހަކު އެމީހުން ވަތް ކެފޭއެއްގެ މަތިންނެވެ.
“އޯކޭ، ނަވީން ފޯނު ބޭއްވިއެވެ. އަދި ތައްޔާރު ވެލައިގެން ސައިކަލަށް އަރައި ނައްޓާލީ އާޓިފިޝިއަލް ބީޗާ ދިމާއަށެވެ. ބީޗް ކައިރިއަށް ގޮސް ސައިކަލު ޕާކް ކޮށްލުމަށް ފަހު ނަވީން ސައިކަލުގެ މަތީގައި އިށީދެލިއެވެ. ޒަލަފް އަންނަން ދެނެވެ. ނަވީން މިގޮތަށް އިންތިޒާރުގައި ހުންނަތާ ފަނަރަވަރަކަށް މިނެޓް ފަހުން ޒަލަފް އައެވެ.
“އަނބިގޮއްޔެ ތަތްލެވީ ދޯ….ދެންވެސް އަހަރެންގެ ވާހަކަ ކިޔާ،” ނަވީން ވެސް ދިމާކޮށްލިއެވެ.
“ނޫނޭ…އަހަރެން އަންހެނުން ވަރަށް ކޫލް ވާނެ،”
“ތިކަން އެނބަ އެގޭ….އިތުރަށް އެއްޗެއް ބުނާކަށް މަށެއް ނެތިން،” ނަވީން ހީގަތެވެ. އެހުނުމުގައި ޒަލަފްވެސް ބައިވެރިވިއެވެ.
ދެމީހުންވެސް ވެއިޓަރ އައުމުން އޯޑަރ ދިނީ ނެސްކެފޭ ބްލެކަކަށެވެ. އެއަށް ފަހު ދައްކަމުން ދިޔަ ވާހަކައިގެން ނަވީނާއި ޒަލަފް ކުރިއަށް ދިޔައެވެ.
“ނަވީނަށް ކޯންޗެއް ބުނެވޭނީވެސް….ތިއެއް ނޫނޭ …ކިހިނެއް ވީއްޔޭ..ތުގާ މެންގެއަށް ދާންވީއޭ،” ޒަލަފް އޮޅުން ފިލުވިއެވެ. ތުގާމެން ގެއަށް ދައުވަތު އައި ވާހަކަ ނަވީން ބުނުމުން ނެވެ.
-ނުނިމޭ-

