ނަވީން މަޑުމަޑުން ބަތޫލްގެ ގޭގެ ދޮރުގައި ޓަކި ޖަހާލިއެވެ. ކުޑަ އިރުކޮޅެއް ފަހުން ބަތޫލް ދޮރު ހުޅުވާލިއެވެ. ވަގުތު ބަލައި ނަވީން އަވަސް އަވަހަށް އެތެރަށް ދެމިގަތެވެ.
“ނަވީން ކޮބާ އަންހެނުން؟…އޭނަ ނުގެންނަންތަ؟” ބަތޫލަށް އަހައިލެވުނެވެ. ބޭރު ބަލައިލަމުންނެވެ.
“ކީއްކުރަން އޭނަ…ހާދަ ދުވަހެއް ފަހުންނޭ ބަތޫލާއި މިދިމާވީ…ބަތޫލަށް އެނގޭތަ އަދިވެސް…މިހިތުގައި ޖަހަނީ ތިވިންދު،” ނަވީން ބަތޫލާއި ގާތްވެލިއެވެ.
“ނަވީން …އެކަމަކު ތީ މީހެއްގެ އަންބެއްކޭ؟” ބަތޫލް ހަނދާންކޮށްދިނެވެ.
“އެނގޭ…އަހަރެމެންނަށް ދެއެއް ވެސް ހުއްދައެއް ނޫންތަ….ބަތޫލް ހުސް…އެނެއްކަ ބަތޫލް ހިތުގައި އަހަންނާއި ދޭތެރޭ އެއްވެސް އެއްޗެއް ނެތީތަ؟” ނަވީން އިތުރަށް ބަތޫލާއި ގާތް ވެލިއެވެ.
“ނޫން ނަވީން…ނަވީން ފަދައިން އަހަރެންގެ ހިތުގައިވެސް ނަވީންގެ ލޯބި އަބަދުވެސް އޮވޭ،” ބަތޫލް ދޮގުހަދާކަށް ބޭނުމެއް ނޫނެވެ. އޭނާގެ ހިތުގައި ނަވީނަށް ޚާއްސަ ޖާގައެއް ވަނީ ދެވިފައެވެ. ޖިނާނާއި އެކު ފަހުން ހޭދަކުރެވުނު ދުވަސްތަކުގައި ހަޔާތުގައި ދިމާވަމުންދިޔަ ކަންކަމާއި އެކުގައި ވެސް މެއެވެ.
“ދެން ކޮބާ މައްސަލައަކީ…އާދެބަލަ،” ނަވީން އެނދުނެވެ.
އޭނާގެ ކައިރިއަށް ބަތޫލް އައުމަށެވެ. ބަތޫލާއި ގާތް ވެލަމުންނެވެ. އޭރު ނަވީންގެ ބެލުމުގައި ވަނީ މަސްތުވީ ކަމެވެ. އެމަސްތުގެ އަވާގައި ޖެހި ހަފުސްވެދާނެހެން ބަތޫލަށް ހީވިއެވެ. ގޯހެއް ހެދިދާނެ ހެން ހީވުމުން ނަވީންގެ ގާތަށް ދާކަށް ބަތޫލް ބޭނުމެއް ނުވިއެވެ. އެހެންކަމުން އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަށް ބަތޫލް މަސައްކަތް ކުރިއެވެ. ކައިވެނިން ބޭރުން ގުޅުމެއް ހިންގިދާނެތީ ބަތޫލް ޖެހިލުން ވިއެވެ.
“ނޫން ނަވީން…މީރަގަނޅު ގޮތެއް ނޫން ….ނަވީންތީ މިހާރު މީހެއްގެ ހައްގެއް،” ބަތޫލަށް ދުރަށް ޖެހިލެވުނެވެ.
“ކިހާ ދުވަހެއް ކޮށްފައި މި ދިމާވީ…އެނގޭތަ؟ ބަތޫލް ފެނުމުން އެވީ ގޮތް ނޭނގެ ބުނަންވެސް….މިރޭ ވަންދެންވެސް ކެތްވީއެއް ނޫން…ހިނގާބަލަ ސެލެބްރޭޓްކޮށްލަން،” ނަވީން ބަތޫލާއި ދިމާއަށް ގުދުވެލިއެވެ.
އެވަގުތެވެ. ތުނޑިން ފެނުނު ހިޔަނި ހުރަސްކޮށްލިހެން ނަވީނަށް ހީވިއެވެ. ހީވީ ހަމަ ޖިނާން ހެނެވެ. ނަވީން ހާސްވިއެވެ. ކަންބޮޑުވިއެވެ. މީހާ ދާހިތްލަން ފެށިއެވެ. ހިޔަނި ފެނުނު ދިމާއަށް ބަލަން ހުރެވުނެވެ. އެދިމާއަށް އިޝާރާތްކުރަމުން ބަތޫލާއި ވާހަކަ ދެއްކިއެވެ. އެކަމަކު ބަތޫލަށް ހިޔަންޏެއް ފެނުނު ކަމަކަށް ނުވިއެވެ.
“ކާކުތަ އެދިޔައީ؟” ސިހިފައި ނަވީނަށް ބުނެލެވުނެވެ.
“ކާކުތަ…މިގޭގައި ނޫޅޭނެ އިތުރު މީހެއް ،” ކުޑަކޮށް ހަމަޖެހިލަމުން ބަތޫލް ބުނެލިއެވެ.
“ނުވާނެ….ދެންމެ އެނދިމާއިން ފެނުނު މީހެއް،” ހާސްވެފައި ހުރި ނަވީން އިޝާރާތްކޮށްލިއެވެ.
“ތިވާނީ ވަހުމަކަށް….އަހަންނާ އަހަރެންގެ ދެކުދިން މިގޭގައި އުޅޭނީ…ހާދަ ހާސްވެފައި ތިހުރީ،” ނަވީން ހުރިގޮތް ފެނުމުން ބަތޫލަށް އަހައިލެވުނެވެ.
“ނޭނގެ…ކުރީ ރެއަކު ތުނޑިމަތިންވެސް ފެނުނު ހިޔަނި އެއީ….އަހަރެން މިރޭ ގޮސްލީ އެނގޭ،” ބިރުގެންފައި ހުރި ނަވީން އަވަސް އަވަހަށް އެގެއިން ނުކުތެވެ.
ނަވީނަށް އެވީ ކިހިނެއްތޯ ބަތޫލަށް ވިސްނުނެވެ. ހިޔަންޏެއް ފެނުނު ވާހަކަ ބުނެފައި ނަވީން އުޅުނީ ވަރަށް ބިރުންނެވެ. މީހާ ހުރީ ހާސްވެ ދާހިތްލާފައެވެ. މިހާ ދުވަސްވީއިރު ބަތޫލަށް ނުފެންނަ އެއްޗެއް ނަވީނަށް ފެންނަންވީ ކީއްވެ ހެއްޔެވެ. ނަވީން ދިއުމުން ހައިރާންވެފައި ބަތޫލަށް ހުރެވުނީ އެކަންމާއި ވިސްނާށެވެ.
“ހާދަ އަވަހަކަށް ތިއައީ،” ނަވީން ގެއަށް އައިސް ވަތްތަން ފެނުމުން ތުގާއަށް އަހައިލެވުނެވެ.
“އަވަހަށް އައީމަ ގޯސްވީ….ޔަގީނޭ ލަހުން އައިނަމަ ހުންނާނީ ތުންދަމައިފަކަން،” ނަވީން ހިނތުން ވެލިއެވެ. ހާސްކަން ފޮރުވަން މަސައްކަތް ކުރުމަށެވެ.
“ޔަގީނެއްނު،” ތުގާ ބުނެލިއެވެ.
“ހިނގާ ނިދަން އުޅެމާދޯ،” ނަވީން އާފުރެލިއެވެ.
“ހާދަ އަވަހަކަށް….އަދި ދިހައެއް ޖެހީއޭ،” ތުގާ ޓީވީ ހުޅުވާލިއެވެ.
“މާއަވަހަށް ދޯ ނިދަން މިއުޅެވުނީ…،” ގަޑިއަށް ބަލާލަމުން ނަވީން ބޮލުގައި އަތްކާއްތާލިއެވެ. އަދި ތުގާގެ ގާތުގައި ސޯފާގައި އިށީނެވެ.
“މިއިން ދުވަހަކު މަންމަމެންނަށް ގުޅާލިންތަ؟” ނަވީން އަހައިލިއެވެ.
“އާނ…މިރޭވެސް ގުޅިން…ރަގަނޅޭ ބުނީ….ބުނި އަންނަން ނޫޅެންހޭވެސް،” ތުގާ ވާހަކަ ދެއްކިއެވެ.
“އަދި ނުވެއްނު ދާކަށް،” ބަތޫލް ފެނުނުފަހުން ރަށުން ނުގޮސް ހުރެވޭނެ އެންމެ ގިނަދުވަހަކު ހުންނަން ނަވީން ބޭނުންވިއެވެ.
ނަވީން އާއި ބައްދަލު ވީފަހުން ބަތޫލަށް ވެސް އާދަޔާއި ޚިލާފު ގޮތްތަކެއް ވާހެން ހީވިއެވެ. އަނބަދު ހެން ހުންނަނީ ނަވީނާއި ބައްދަލުކުރަން ބޭނުންވެފައެވެ. އެ މޫނު ދެކިލަން ބޭނުން ވެފައެވެ. ނަވީންގެ ޚިޔާލުގައެވެ. ނަވީންގެ ހާލަކީވެސް އެއެވެ. އޭނާވެސް އެކަނި ވެއްޖެ ނަމަ އޮންނީ ބަތޫލް ގެ ޚިޔާލުގައެވެ. ތުގާއާއި ކުޑަކޮށް ދުރުހެލި ވެވުނެވެ. އެކަން ތުގާއަށް ފާހަގަ ވެގެން ނަވީންގެ ގާތު ބުނިވެސް މެއެވެ. އެހެންނަމަވެސް ރައްޓެހިންނަށް ވެސް ވަގުތު ދޭންވާނެ ނޫންހޭ ކިޔައި ނަވީން އެކަން ހަމަޖައްސާލަނީއެވެ.
ކުރީ ރޭފަދައިން މިރޭވެސް ނަވީން ގެ މިސްރާބު ހުރީ ބަތޫލްގެ ގެއަށް ދިއުމަށެވެ. ގުތާ އެކަނި ކޮށްފައި ބޭރަށް ދިއުން ނަވީންގެ އާދައަކަށް ވެއްޖެއެވެ. ތުގާގެ ޝަކުވާތަކަށް ބީރު ކަންފަތެއް ދޭމީހަކަށް ވެއްޖެއެވެ. ހަލާލު އަންބެއް ހުރެ އެހެން މީހަކާއެކު ވަގުތު ހޭދަކުރުން ނަވީންގެ އާދައަކަށް ވެއެޖެއެވެ. މިއިންކަމެއް ތުގާއަކަށް ރޭކާވެސް ނުލައެވެ. ނަވީންގެ ހުޝިޔާރުކަމުންނެވެ.
“ނަވީން މިރޭވެސް،” ދޮރުގައި ޓަކި ޖަހާލުމުން ދޮރު ހުޅުވާލި އިރު ކުރިމަތީގައި ނަވީން ހުރިތަން ފެނުމުން ބަތޫލަށް ބުނެލެވުނެވެ.
“ކީއްތަވީ…އެތެރެއަށް ވަންނަވަންވެސް ނުބުނަންތަ؟” ބަތޫލް ދޮރުމަތީގައި ހުރުމުން ނަވީން ބުނެލިއެވެ. ނަވީން އެތެރެއަށް ވަނުމަށް ބަތޫލް ތަން ދެއްކިއެވެ.
ނަވީން ވަނުމުން ބަތޫލް އިށީނެވެ. ސިޓީންގ ރޫމްގެ ސޯފާގައެވެ. ނަވީން އިށީނީ ބަތޫލާއި ޖެހި ފިތިގެން ނެވެ. ދެމީހުންގެ ދެމެދަށް ކުޑަ ހިނދުކޮޅަކަށް ހަމަ ހިމޭންކަން ވެރިވިއެވެ. ބަތޫލް ބަލާލައި ކޮންމެ ފަހަރަކު ނަވީން ހުންނަނީ މަސްތުން ފުރިގެންވާ ގޮތަކަށް ބަތޫލާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އެ ބެލުމުގެ ސަބަބުން ބަތޫލަށް އުދަނގޫވިއެވެ.
“ދެން ނަވީން…ކިހިނެއް ތި ބަލަނީ،” ބަތޫލަށް ބުނެވުނެވެ.
“އެހާ ދުވަސްކޮށްލާފައި ފެނުނީމަ ބެލޭނެތާ…ހާދަ ރީއްޗޭ އަދިވެސް…ދެ ކުދިން ހުރި މީހެކޭ ނުބުނާނެ،” ނަވީން ތައުރީފް ކޮށްލިއެވެ. އެހާ ދުވަސް ކޮށްލާފައި މީހެއްގެ ތައުރީފްގެ ބަސް އަޑު އިވުމުން ބަތޫލަށް ހިނިތުން ވެލެވުނެވެ. އެއީ އޭނާ ވެސް އެދިއެދި ހުރި ކަމެކެވެ. ހިތްއެދޭ ފަރާތެއްގެ ކިބައިން ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ.
“އަސްލުވެސް އަހަރެން ރީތިތަ؟…ހައްދަނީދޯ؟” ބަތޫލް ބުނެލިއެވެ. ގަބޫލު ނުކުރެވިގެންނެވެ.
“އަސްލުވެސް ވަރަށް ރީތި،” ބަތޫލުގެ ކަންފަތާއި ކައިރިވެލަމުން ނަވީން ބުނެލިއެވެ. އަދި މަޑުމަޑުން ބަތޫލްގެ ކަދުރާގައި ނަވީންގެ އަތުގެ އިނގިލިތަށް ކާއްތާލިއެވެ.
“ނަވީން..،” ބަތޫލްގެ ނޭވާ އަވަސް ވިއެވެ.
“ކިހިނެއްވީ….،” ނަވީންގެ ބާރުގަދަ ދެ އަތުގެ ބާރުގެ ދަށަށް ބަތޫލް ގެނެސް ސޯފާގައި ބޭއްވުމަށް ފަހު ބަތޫލާއި ދިމާއަށް ނަވީން ގުދުވަމުން ދިޔައެވެ. ބަތޫލަށް ލޯމަރާލެވުނެވެ.
“އަހަރެން ވަރަށް ލޯބިވޭ ބަތޫލް ދެކެ…އަހަންނާ އިންނަން ވީނު،” ނަވީން އަހައިލިއެވެ.
-ނުނިމޭ-

