“އަހަރެން ވަރަށް ލޯބިވޭ ބަތޫލް ދެކެ…އަހަންނާ އިންނަން ވީނު،” ނަވީން އަހައިލިއެވެ.
ބަތޫލް ލޯހުޅުވައި ލިއެވެ. ނަވީނާއި ދިމާއަށް ބަލައި ލިއެވެ. އެ ބެލުމުން ފުރަތަމަ ފަހަރަށް ނަވީނަށް ލޯބި ފެނިގެން ދިޔައެވެ. އެ އަސަރުގަދަ ދެ ލޮލޮގެ ތެރެއަށް ނަވީނަށް ފީނާލުމަށް ފުރުސަތު ލިބިގެން ދިޔައެވެ. އެ އަސަރުގަދަ ދެލޮލުގެ މަސްތުގައި ނަވީން ގައިދުވިއެވެ. ބަތޫލަށް ވެސް ދިމާވީ އެފަދައިންނެވެ. ލޯބީގެ ލައްޒަތަކަށް އޭނާއަށް ތައުވަތު ދެނުނުވެ. އިޚްތިޔާރުން ބޭރުންނެވެ.
“އަހަރެންވެސް ވަރަށް ލޯބިވޭ،” ޖިނާނު މަރުވި ފަހުން ފުރަތަމަ ފަހަރަށް އެހެން މީހެއް ދެކެ ލޯބި ވާކަން ބަތޫލް ހާމަކުރިއެވެ.
“ދެ އަންބަންވެސް އިނދެފާނަންތަ؟” ސުވާލުގެ ނަޒަރަކުން ނަވީން ބަލައިލީ ބަތޫލަށެވެ.
“ޔެސް..” ބަތޫލްގެ ޖަވާބު ކުރުވެފައި ސާދާއެވެ.
އޭނާ ހުރީ ތައްޔާރަށެވެ. ނަވީނާއި ދެ އަންބައް ވިއަސް އިންނަން ރެޑީގައެވެ. އެހެނަސް ތުގާ އެގޮތަށް އެއްބަސް ވާނެ ބާއޭ ނަވީންގެ ހިތަށް އެރިއެވެ. މިކަން އެނގޭ ދުވަހަކުން ތުގާ ވާނެ ދެރަ އާއި މެދު ވިސްނާލެވުނެވެ. އެހެނަސް މިކަން ހުއްޓާލާކަށް ނަވީން ގަސްތެއް ނުކުރެއެވެ. ބަތޫލާއި ދެ އަންބައް ވެސް ކައިވެނިކުރަން ނަވީން ހުރީ ތައްޔާރަށެވެ.
“މިއަދު އަހަރެން ވަރަށް އުފާވެއްޖެ…އެނގޭތަ؟ ބަތޫލް ހޯދަން އަހަރެން ހާދަ ގުރުބާނީއެއް ވީމޭ،” ނަވީން ބުނެލިއެވެ. ބަތޫލްގެ އުނގުގައި ބޯއަޅާލަމުންނެވެ.
ނަވީން ބޭނުންވީ ބަތޫލަށް އޭނާ ވީ ގުރުބާނީ ގެ ވާހަކަ ކިޔާދޭށެވެ. ބަތޫލް ހާސިލް ކުރުމަށް އޭނާ ސިހުރުގެ ތެރެއަށް ވަދެގެން ދިޔަ ގޮތް ބަތޫލަށް އަންގައިދޭށެވެ. ބަތޫލް އޭނާއާއި އިނުމަށް އެއްބަސް ވުމުންނެވެ. އެ ވާހަކަތައް ކިޔައި ދިނުމުން ނަވީނާއި މެދު ބަތޫލް ދެކޭގޮތް ބަދަލުވެދާނެ ކަމަކަށް ކުޑަކޮށްވެސް ވިސްނާލުމެއް ނެތިއެވެ. އެއަށްވުރެ ބޮޑަށް ނަވީން ހުރީ އުފާވެފައެވެ. ދުވަސްތަކެއް މާޒީވުމަށްފަހު ބަތޫލް އޭނާއަށް އާނބަސް ބުނުމުން އެހެން ހުރިހާ ކަމެއް ހަނދާން ނެތިފައެވެ.
“ބަތޫލް….އަހަރެން އެދުވަސް ވަރު ހުންނަނީ ބޯ ގޮވާފައި….ވިސްނެނީ ބަތޫލް ހާސިލް ކުރެވޭނެ ގޮތެއް…އެންމެ ފަހުން އަހަރެން ދިޔައީ ސިހުރު ވެރިއެއްގާތަށް،” ނަވީން ވާހަކަ ދައްކަމުން ދިޔައެވެ.
“އޭނ…ސިހުރުވެރިއެއް ގާތަށޭ،” ބަތޫލަށް ބުނެލެ ވުނެވެ.
“އާނ….ތި އިވުނީ ރަގަނޅަށް ސިހުރު ވެރިއެއް ގާތަށް…އޭނާ ކައިރިން އެދުނީ ބަތޫލް ހާސިލް ކުރުމަށް ކޮންމެސްކަމެއް ކޮށްދެން…ދެން އޭނާ ބުނި ކޮންމެ ކަމެއް އަހަރެން ކުރިން… ސިހުރިވެރިޔާ ބުނީ ޖެހޭނީ ޖިނާން މަރާލާށޯ،” ނަވީން ކިޔާދިނެވެ.
“ދެން ނަވީން އެކަލަކަމެއް ނުކުރާނެއެއްނު ދޯ؟” ބަތޫލް ބުނެލިއެވެ. ނަވީން އެފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަށް އޮތްލެއް ބޮޑުކަމުންނެވެ.
“އަހަރެން އެކަން ކުރިން….ތުނޑީގަހެއްގައި ސޫރަ ކުރަހައި އެއަށް މޮހޮރުވެސް ޖެހިން،” ނަވީނަށް އެހެން ބުނެވުމާއެކު ބަތޫލް ނަވީންގެ ބޯ ދުރުކޮށްލަމުން ކޮޅަށް ތެދުވިއެވެ. އޭރު ބަތޫލް ހީވަނީ ރުޅިއައިސް ވިރިދާނެ ހެންނެވެ.
“ހުރި ގޮތް ކުޑަކަން ދެކިބަލަ…އަހަރެންގެ ފިރިމީހާ މަރާފައި މިގެއަށް އައިސް މާ މާތް މީހަކަށް ވެގެން އުޅޭ ވައްތަރު ނިކަން ދެކިބަލަ.. އަހަރެން ވާވައްދަން އެނަބަ އުޅެއެއްނު..ނަސީބެއްނު އެނގުނުކަން…ނުކުމޭ މިގެއިން” ބަތޫލަށް ހަޅޭ ލަވައި ގަނެވުނެވެ.
“ބަތޫލް ހާސިލް ކުރަން އެނޫން ގޮތެއް ނުފެނުނީއްޔޭ،” ނަވީން މަސައްކަތްކުރީ އޭނާ ކުރި ކަންތައް ދިފާއު ކުރާށެވެ.
“ތި ވާހަކަ އަޑު އަހާކަށް ބޭނުމެއް ނޫން…އަހަރެންގެ ދެކުދިން ބައްޕައެއްގެ ލޯބި މަހުރޫމު ވީ ހަމަ ކަލޭގެ ސަބަބުން…ޖިނާން ފަހުން ފަހުން އަހަންނާއި ދުރުވީ ހަމަ ކަލޭގެ ސަބަބުން…އަހަންނަށް އޭރު ވެސް ޝައްކުވި…މީ މީހެއްގެ ކަމެއްގެ ސަބަބުންނޭ އެހެންވަނީ…އެހާ ރަގަނޅަށް އުޅެމުން އައި ޖިނާނު ބަދަލުވީ…އަނިޔާ ވެރި ވާންފެށީ…އެއީ ކަލޭގެ ކަންތައްކަން މިއެނގުނީ…އަދިވެސް ހުންނަނީތަ…ނުކުންނާށޭ،” ފަހަރަކާ ފަހަރެއް ބަތޫލްގެ އަޑު ދިޔައީ ބާރުވަމުންނެވެ.
“އަހަރެން ގޮސްދާނަން…އަހަންނަށް މާފުކޮށްދީ،” ނަވީނަށް ރޮވުނެވެ. އޭނާ އަށް ކުރެވުނު ކުށް ފުރަތަމަ ފަހަރަށް އިޙްސާސް ވިއެވެ. ބަޔަކަށް ގެއްލުމެއް ދީގެން އުފަލުގައި ނޫޅެވޭނެކަން އެނގުނެވެ.
“ދުވަހަކުވެސް މާފެއް ނުކުރާނަން،” ބަތޫލްގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ. ނުރުހުމެވެ. އެނޫން ގޮތެއް ނެތްކަން އެނގުމުން ނަވީން އެގެއިން ނުކުތެވެ. މާޔޫސީކަމާއެކުގައެވެ.
“ނަވީން ކިހިނެއް ވެފައި ތިހުރީ،” ގެއަށް އައިސް ވަތް ނަވީން ހުރިގޮތް ފެނިފައި ތުގާއަށް އަހައިލެވުނެވެ.
“ހިނގާ މާލެއަށް ދަމާދޯ؟” ނަވީން ބުނެލިއެވެ.
ބޭރުން އައިގޮތަށް ނަވީން އެހެން ބުނުމުން ހައިރާން ވެފައި ތުގާ އަށް ބަލަން ހުރެވުނީ ނަވީނާއި ދިމާއެވެ. އިއްޔެ ކުޑަދުވަސްކޮޅަކު މަޑުކޮށްލާނީ ދޯއޭ ކިޔާފައި މިއަދު ކުއްލިއަކަށް އެ ވިސްނުން ބަދަލު ވީމައެވެ.
“ކިހިނެއްވީ …ކުއްލިއަކަށް މާލެ ދާން ތި އުޅެގަތީ،” ތުގާ އަހައިލިއެވެ. ނަވީނާއި ގާތްވެލަމުންނެވެ.
“އެޓޭކެއް ވެސް އައިސްދާނެ…މި އާދެވުނީ ކެފޭގައި މީހަކާ ދެބަސް ވެފައި،” ނަވީން ދެއްކީ މުޅިން އެހެން އުޒުރެކެވެ.
ބަތޫލާއި ދިމާވި ވާހަކަ އާއި ބަތޫލާއި ދެމެދު ހިނގިކަންތައްތައް ތުގާއަށް ކިޔާ ދޭން ނަވީނަށް ކެރޭނީވެސް ކިހިނަކުން ހެއްޔެވެ. ނަވީނަށް ގައިމެވެ. އެކަން އެނގޭނަމަ ތުގާވެސް ނަވީންގެ ކައިރީގައި ނުހުންނާނެއެވެ. ނަވީން ވަރަށް ގިނަ ވާހަކަ ދައްކައިގެން އެންމެ ފަހުން ތުގާ މާލެ ދިއުމަށް އެއްބަސް ވިއެވެ. ނަވީން އަވަހަށް ޓިކެޓް ނެގިއެވެ. ދަބަސް ތައްޔާރު ކޮށްލިއެވެ. ނަވީން އުޅުނުގޮތުން ތުގާއަށް ހުރެވުނީ ބަލާށެވެ.
ހެނދުނު ހެނދުނާ ނަވީންމެން ލޯންޗަށް އެރިއެވެ. މާލެ ދިއުމަށް ދަތުރަށް ފެށިއެވެ. ނަވީނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އޭނާ ދެން ދުވަހަކުވެސް އެރަށަށް ނައުމަށް އަޒުމް ކަނޑައެޅިއެވެ. އަމިއްލަ އުފަން ފަސްގަނޑަށް ވިއަސް މެއެވެ. އެނާ އެދޭ ލޯބި ޔާރާ ދުވަހަކުވެސް ހާސިލް ނުވާނެކަން ނަވީނަށް އެނގޭތީއެވެ.
-ނިމުނީ-

