އަރި އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފަށްޓަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ،
ރައީސް ޑރ މުއިއްޒު މިހެން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭ ގޮތުން އެ އަތޮޅުގެ އަތޮޅު ކައުންސިލާ ކުރެއްވި މަޝްވަރާގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ އިދާރާގައެވެ.
މިއަދު ހެނދުނު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ސުކޫލުގައި ސޯލާ ހަރު ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އަތޮޅު ކައުންސިލަށް އާމްދަނީ ހޯދުމަށް މަގުފަހިވާނެ ގޮތަކަށް އދ ލޮނުބޯ، ބޭނުން ކުރެވޭނެ ގޮތް ހައްދަވަ އިދެއްވުމަށާއި އަތޮޅުގެ ސިއްހީ ހިދުމަތް ތަރައްގީ ކުރުމަށާއި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށާއި ފަތުރުވެރިކަން ފުޅާ ކުރުމަށް ބޭނުންވާކަން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން އަތޮޅު ކައުންސިލުން ވަނީ އަތޮޅުގައި ޕިކްނިކް ދާނެ ރަށްތައް މަދުކަން ފާހަގަ ކުރައްވައި އެކަން ފަހި ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރުމަށް އާރް.ޓީ.އެލްގެ ޚިދުމަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާކަން ފާހަގަ ކުރައްވާފައެވެ. އަދި ދެންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

