އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ ފްރާންސް އާއިލާއެއް ފުރުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝަމްޢާން ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ފްރާންސަށް ނިސްބަތްވާ 6 މީހުންގެ އާއިލާއެއް ރާއްޖޭގައި ދިރިއުޅެމުންދާ ކަމުގެ މައުލޫމާތު “އިމިގްރޭޝަން ވޮޗް” އަށް މިއަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށްފަހު އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހު އެ މައްސަލައިގައި ހިމެނޭ އިސްފަރާތް އިމިގްރޭޝަނަށް ހާޒިރުކުރެވުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝަމްޢާން އިތުރަށް ވިދާޅުވީ، ރާއްޖޭގައި އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ދިރިއުޅެމުން އަންނަ ފްރާންސްގެ އެ އާއިލާގެ މެންބަރުންގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތީ، ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް ދާހިލީ ވުޒާރާއާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އަދި ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް އެ މީހުން އެމީހުންގެ ގައުމަށް ފުރުވާލުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދޭނެކަމަށް ޝަމްއާން ވަނީ އަލުން ތަކުރާރުކޮށް ވިދާޅުވެއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މި މަސައްކަތުގެ ތެރެއިން މިހާތަނަށް ގަވާއިދާ ހިލާފަށް އުޅުނު ފަސް ހާހަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

