މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލްގެ ވައިޓަލް ރަޖިސްޓްރޭޝަން އޮފީހުގައި އަލިފާން ރޯވެ، ހިދުމަތްތައް މިވަގުތަށް މެދުކެނޑިފައިވީ ނަމަވެސް މިހަފުތާގައި އަލުން މާލޭގައި އެ ހިދުމަތް ފަށާނެ ކަމަށް ކައުންސިލުން ހާމަކޮށްފިއެވެ.
އަމީނީ މަގުގައި ހުރި ދިވެހިރާއްޖެ އަޑު ކުރިމަތީގައި ހުރި އިމާރާތްތަކުގައި ހިނގި މި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ، އެންވަޔަރަމަންޓް މިނިސްޓްރީ އަދި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ އޮފީސްތައް އަނދައި އަޅިއަށްވިއެވެ. މީގެ އިތުރުން، ހައުސިން މިނިސްޓްރީއާ ޖެހިގެން ހުރި މާލެ ސިޓީ ކައުންސިލްގެ އޮފީހަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ސަލާމަތް ކުރެވުނު ތަކެތި ރައްކާތެރި ތަނެއްގައި، އަލުން ގުދަންކޮށް އަދި ތެމިފައި ހުރި ލިޔެކިޔުންތައް، ހިއްކުމުގެ މަސައްކަތް، ކުރިއަށް ދަނީ/ ފޮޓޯ: ސިޓީކައުންސިލް
ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަން އޮފީހަކީ އުފަންވުމާއި މަރުގެ ރެޖިސްޓްރޭޝަންތަކާއި ލިޔެކިޔުންތަކުގެ އިތުރުން ރަށްވެހިކަމާއި ގޯތިތަކުގެ ރެޖިސްޓްރޭޝަން ބަލަހައްޓަމުން އައި ތަނެކެވެ. މި އޮފީހުގައި 1960 އިން ފެށިގެން މާލޭގައި އުފަންވި އެންމެންގެ ލިޔެކިޔުންތަކާއި ގެދޮރުގެ ރެޖިސްޓްރޭޝަންތައް ހުރިކަން ފާހަގަކޮށްލެވެއެވެ.
"ހައުސިންގ މިނިސްޓްރީ ޢިމާރާތުގައި ހިނގި އަލިފާނުގެ ޙާދިސާގައި، އެ ގޯތިރޭގައި ހުރި، ކައުންސިލްގެ ދެ ސެކްޝަން ހިނގަމުންދިޔަ ޢިމާރާތުން ސަލާމަތް ކުރެވުނު ތަކެތި ރައްކާތެރި ތަނެއްގައި، އަލުން ގުދަންކޮށް އަދި ތެމިފައި ހުރި ލިޔެކިޔުންތައް، ހިއްކުމުގެ މަސައްކަތް، ކުރިއަށް ދަނީ،" ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ސަލާމަތް ކުރެވުނު ތަކެތި ރައްކާތެރި ތަނެއްގައި، އަލުން ގުދަންކޮށް އަދި ތެމިފައި ހުރި ލިޔެކިޔުންތައް، ހިއްކުމުގެ މަސައްކަތް، ކުރިއަށް ދަނީ/ ފޮޓޯ: ސިޓީކައުންސިލް
ހާދިސާ ހިނގި ދުވަހު، ވައިޓަލް ރަޖިސްޓްރޭޝަން އޮފީހުން ދެމުން އައި ހުރިހާ ހިދުމަތެއް ވަނީ ހުޅުމާލޭ އަމިން އެވެނިއުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ސިޓީ ކައުންސިލްގެ އޮފީހަށް ބަދަލުކޮށްފައެވެ. ނަމަވެސް، މާލެ ސިޓީ ކައުންސިލުން މިއަދު ހާމަކުރި ގޮތުގައި ވައިޓަލް ރަޖިސްޓްރޭޝަންގެ މަސައްކަތްތައް މާލޭގައި އަލުން މި ހަފުތާގައި ފެށުމަށް ވަނީ ނިންމާފައެވެ. އެހެންނަމަވެސް، މި ހިދުމަތް ދޭނެ ވަކި ތަނެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
"މިކަމާގުޅިގެން ރައްޔިތުންނަށް ކުރިމަތި ވަމުންދާ ދަތިތަކަށް ޓަކައި، ނިހާޔަތަށް މާފަށް އެދެމެވެ،" ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން އަނދައިގެން ދިޔަ ތިން މިނިސްޓްރީގެ މަސައްކަތްތައް މިހާރު ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފައެވެ.

