މާލޭގެ ރޯޝަނީމަގުގައި ހުރި ޖަންގްޝަނަކަށް ކައްކާފައި ބާކީ ހުންނަ ތެޔޮ އަދި އެހެނިހެން ހަޑިމުޑުދާރު ތަކެތި އަޅަމުންދާ ފަރާތެއް ހޯދައި، އެ ފަރާތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މިރޯޝަނީމަގުގެ ޕޭވްމަންޓުގައި ހުރި ޖަންގްޝަނަށް ތެޔޮ އެޅުމުގެ ސަބަބުން ޖަންގްޝަން ބެދި، އެތަނުން ވަރަށް ބޮޑަށް ނުބައި ވަސް ދުވަމުންދާ ކަމަށް ގިނަ ރައްޔިތުންތަކެއް ޝަކުވާ ހުށަހަޅާފައިވެއެވެ. މި މައްސަލަ ހައްލުކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުން ބުންޏެވެ.
"މިފަދަ ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު ޢަމަލުތައް ނުކުރުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން. މާލެ ސިޓީއަކީ ސާފުތާހިރު، ހިތްފަސޭހަ ތަނެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ،" ކައުންސިލުގެ އެކްސް ޕޯސްޓުގައި ބުނެފައިވެއެވެ.
މިގޮތަށް އެސަރަހައްދުން ނުބައި ވަސްދުވުމާއި އާންމު ރައްޔިތުންނަށް ވަމުންދާ އުނދަގޫތަކުގެ ސަބަބުން އެ ޖަންގޝަނަށް އެގޮތަށް އެއްޗެހި އެޅޭ ގޮތަށް ހެދި މީހަކު ހޯދައި ފިޔަވަޅު އެޅުމަށް ވަނީ ބުނެފައެވެ. މިފަދަ ނާތަހުޒީބީ އަމަލުތައް ނުކުރުމަށް އިލްތިމާސްކުރުމާއެކު، މިފަދަ ކަމެއްވެސް އަދި ރައްޔިތުންގެ ފަރާތުން މިފަދަ ކަންކަން ފާހަގަކޮށް، ރިޕޯޓުކުރުމަށް ވެސް ވަނީ ބުނެފައެވެ.
9341144 ވައިބަރ/ ވަޓްސްއަޕް ނޫނީ ވެބްސައިޓް http://complaints.malecity.gov.mv

