ސްކޫލް ކުދިން ބައިވެރިކޮށްގެން ދައުލަތުގެ އެއްވެސް އިދާރާއަކުން ހަރަކާތެއް ހިންގާ ނަމަ އެ ހަރަކާތަކަށް ހުއްދަ ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.
ސްޓޭޓް މިނިސްޓަރު އަހުމަދު މުހައްމަދު ސޮއިކުރައްވައި ސަރުކާރުގެ ހުރިހާ އިދާރާއަކާއި ސިޓީ އަދި ލޯކަލް ކައުންސިލްތަކާއި ކްލަބް ޖަމިއްޔާ، ޖަމާއަތްތަކަށް އިއްޔެ ފޮނުއްވި ސާކިއުލާއެއްގައި ވަނީ ސްކޫލްތަކުގައި ހިންގާ ހަރަކާތްތަކަކީ ދުރާލައި، ރާވައިގެން ވަކި އިންތިޒާމެއްގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތަކަށް ހެދުމަށް ކޮންމެ އަހަރެއްގެ ދިރާސީ އަހަރުގެ ކަލަންޑަރާ އެއްގޮތަށް އެކްޓިވިޓީ ކަލަންޑަރު ވެސް ތައްޔާރުކުރާ ކަމަށެވެ.
އެހެންކަމުން، ދައުލަތުގެ އިދާރާތަކުން އިންތިޒާމުކުރާ ހަރަކާތެއްގައި ސްކޫލްތަކުގެ ކުދިން ބައިވެރިކުރާ ނަމަ އެއީ ސްކޫލްތަކުގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމަނާފައި އޮންނަ ހަރަކާތަކަށް ވާން ޖެހޭނެ ކަމަށް ސާކިއުލާގައިވެއެވެ.
ހަމަ އެއާއެކު، އެފަދަ ހަރަކާތްތައް ހިންގާ އިރު ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެ ހެން ކަންތައްތައް ހަމަ ޖެއްސުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.
އަދި އެފަދަ ހަރަކާތެއް ހިންގާ ނަމަ ދިރާސީ އަހަރު ފެށުމުގެ ކުރިން މިނިސްޓްރީގެ ހުއްދައާ އެކީ އެކަން ކުރިއަށް ގެންދިއުމަށް ވެސް އަންގަވައިފައިވެއެވެ.
އެގޮތަށް އެންގި ސަބަބެއް ކަމަށް މިނިސްޓްރީން ބުނީ، ސްކޫލްގެ އެކްޓިވިޓީ ކަލަންޑަރުގައި ކަންކަން ނުހިމަނައި ނުވަތަ މިނިސްޓްރީއާ އެކު، އެކަށީގެންވާ ގޮތަކަށް މަޝްވަރާ ކުރުމެއް ނެތި ސްކޫލްތަކަށް ހުޅުވާލައިގެން އެކިއެކި ހަރަކާތްތަކާއި މުބާރާތްތައް ބައެއް އިދާރާތަކުން ރާވަމުން ގެންދާތީ ކަމަށެވެ. އަދި އެގޮތަށް ހަރަކާތްތައް ކުރިއަށް ގެންދިއުމުން ކުދިންގެ އުނގެނުމަށާއި ޓީޗަރުންނާއި ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރު ކުރާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ކުއްލިއަކަށް ރާވާ ހަރަކާތްތަކުގެ ސަބަބުން ސްކޫލާއި ބެލެނިވެރިންނަށް މާލީ ބުރައަކަށްވެ، ސްކޫލް ތެރޭގައި ނުތަވަސްކަން އުފެދޭ ކަމަށް ވެސް ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ.

