ޓިނު ބިލްޑިންގްގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ބޮޑު ހާދިސާ އަށް ފަހު، މާލެ ސިޓީ ކައުންސިލްގެ ވައިޓަލް ރަޖިސްޓްރޭޝަން އޮފީހުގެ ހިދުމަތްތައް މިވަގުތަށް މެދުކެނޑިފައިވީ ނަމަވެސް އަންނަ ހަފުތާގައި އަލުން މާލޭގައި އެ ހިދުމަތް ފަށާނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ ތަނުން ދެމުން އައި ހުރިހާ ހިދުމަތެއް ހުޅުމާލޭ އަމިން އެވެނިއުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ސިޓީ ކައުންސިލްގެ އޮފީހަށް ބަދަލު ކޮށްފަ އެވެ. ސަބަބަކީ އެންވަޔަރުމަންޓް މިނިސްޓްރީ ވެސް ހިންގާ، ރޯވި އިމާރާތުގެ އެއްބައިގައި ސިޓީ ކައުންސިލްގެ އެއްބައި ހިންގަމުން އަންނައިރު އެ އޮފީސް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.
ވައިޓަލް ރަޖިސްޓްރޭޝަންގެ މަސައްކަތް މާލޭގައި އަލުން މި ހަފްތާގައި ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހާމަކޮށްފައި ވީނަމަވެސް އެ ހިދުމަތް އަލުން ފަށަނީ ކޮން އިމާރާތެއްގައި ކަމެއް ކައުންސިލުން އަދި ސާފު ކޮށްފައެއް ނުވެއެވެ.
ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަން އޮފީހަކީ އުފަންދުވަހުގެ ސެޓްފިކެޓާއި މަރުވާ މީހުންގެ ރެކޯޑުތަކުގެ އިތުރުން ރަށްވެހިކަމާއި ގޯތިތަކުގެ ރެޖިސްޓްރޭޝަން ވެސް ބަލަހައްޓަމުން އަންނަ ތަނެވެ.
އެ އިމާރާތުގައި ރޯވުމުން ބައެއް ލިޔެކިޔުންތައް ގެއްލި، އަނެއްބައި ލިޔެ ކިޔުމަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އެ ތަނުގައި ހުރި ލިޔެކިޔުންތައް ސަލާމަތް ކުރަން ކައުންސިލް މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު 6:30 ހާއިރު ޓިނު ބިލްޑިންގުގައި ރޯވި އަލިފާންގަނޑު ހަތަރު ގަޑިއެއްހާއިރު ފަހުން ނިއްވައިލެވުނުއިރު މުޅި އެ އިމާރާތް ވަނީ އަނދައިފަ އެވެ. އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ބަޔަކީ މާލެ ސިޓީ ކައުންސިލް ކަމަށް ވާއިރު، އަނދައިގެން ދިޔަ ލިޔުންތަކުގެ އަދަދެއް އަދި ސާފެއް ނުވެއެވެ.
ކައުންސިލްގެ ދެ ސެކްޝަނެއް ހިންގަމުން އައި އިމާރާތުން ސަލާމަތް ކުރެވުނު ތަކެތި ރައްކާތެރި ތަނެއްގައި އަލުން ގުދަންކުރަން ފަށައިފައިވާ ކަމަށާއި ތެމިފައި ހުރި ލިޔުންތައް ހިއްކުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
އެ އިމާރާތުގައި ހިންގާ ތިން މިނިސްޓްރީ ވަގުތީ ގޮތުން މިހާރު ހިންގަނީ ދަރުބާރުގޭގަ އެވެ.

