ދިވެހިރާއްޖެއާއި ބަޙްރައިނާ ދެމެދުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރު ހަރުފަތްތަކަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ ބަޙްރައިންގެ ޤައުމީ ދުވަހާ ގުޅިގެން އެ ޤައުމުގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާ އާއި ވަލީއަހުދު އަދި ބޮޑުވަޒީރު ސަލްމާން ބިން ޙަމަދު އަލް ޚަލީފާއަށް ފޮނުއްވެވި ތަހުނިޔާ ސިޓީފުޅެއްގައެވެ.
މި ސިޓީފުޅުގައި ރައީސް މުޢިއްޒު ވަނީ ބަޙްރައިންގެ ޤައުމީ ދުވަހުގެ ތަހުނިޔާ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބަޙްރައިންގެ ވެރިންނަށާއި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އަދި ދެ ޤައުމުގެ އެކުވެރި ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ ޔަގީންކަން ޔަގީންކަން ފާޅުކުރައްވާފައިވެއެވެ.
މީގެއިތުރުން، ބަޙްރައިންގެ ރަސްގެފާނާއި ވަލީއަހުދަށް ދުޅަހެޔޮ ސިއްޙަތަކަށް އެދިވަޑައިގަންނަވާ ކަމަށާއި، ބަޙްރައިނާއި އެ ޤައުމުގެ ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ބަޙްރައިންގެ ޤައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. ދިވެހިރާއްޖެއާއި ބަޙްރައިނާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1980 ވަނަ އަހަރުގެ މާރޗް މަހުގެ 24 ވަނަ ދުވަހުއެވެ. މިއަދާ ހަމައަށް އައިއިރު ދެ ޤައުމުގެ ގުޅުން ވަނީ އެތައް ދާއިރާއަކުން ކުރިއަރައި ތަރައްޤީވެފައެވެ.

