ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ހުޅުމާލެ ހިޔާ، 11-23-05 ޢަބްދުލްޙަސީބު އިސްމާޢީލް ޢައްޔަންކުރައްވައިފިއެވެ.
ރައީސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢަބްދުލްޙަސީބު އިސްމާޢީލް ޢައްޔަނުކުރެއްވީ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އުފައްދަވާފައިވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، ޤާނޫނު އަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީންނެވެ.
މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، ޢަބްދުލްޙަސީބު އިސްމާޢީލް އާއި ރައީސް ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ރައީސްގެ ކުރިފުޅުމަތީގައި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި، ޢަބްދުލްޙަސީބު އިސްމާޢީލް، ކުރެއްވިއެވެ. ޙަސީބު ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރުއެވެ.
އީސީގެ މެމްބަރުކަމަށް އަބްދުލްޙަސީބު އިސްމާޢީލް އައްޔަނު ކުރައްވައިފި

