އައިޖީއެމްއެޗްގެ ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުލަތުން ދަޢުވާކުރާ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ދައުލަތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ކުރިމިނަލް ކޯޓުން މިދިޔަ ނޮވެމްބަރު 12 ވަނަ ދުވަހު ވަނީ ޝަރުތުތަކަކާއެކު ލަމްހާ ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ. މި އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރީ ނޮވެމްބަރު 14 ވަނަ ދުވަހުއެވެ. ނަމަވެސް ނޮވެމްބަރު 21 ވަނަ ދުވަހު ހައިކޯޓުގެ ރަޖިސްޓްރާ ވަނީ މި އިސްތިއުނާފީ މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ.
ހައިކޯޓުގެ ރަޖިސްޓްރާގެ މި ނިންމުން މުރާޖަޢާކޮށްދިނުމަށް އެދި ދައުލަތުން މި މަހުގެ 9 ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅިއެވެ. ނަމަވެސް ފަނޑިޔާރުންގެ މަޖިލީހުން ނިންމީ މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަން ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައި ނުވާކަން ސާބިތުކޮށްދީފައި ނުވާތީ، މައްސަލަ ބަލައިނުގަތުމަށެވެ.
މި ނިންމުމާ ދެކޮޅަށް ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
މި މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މުޙައްމަދު ސަލީމެވެ. އަދި ފަނޑިޔާރު މުޙައްމަދު ނިޔާޒާއި ފަނޑިޔާރު ފައިޞަލް އަދަމް ވެސް ހިމެނިވަޑައިގަތެވެ.
މޭރީ ގްރޭސްގެ މަރުގެ މައްސަލައާ ގުޅިގެން ލަމްހާގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދަޢުވާ އުފުލާފައިވެއެވެ.

