ނ. ވެލިދޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ފެނަކަ ކޯޕަރޭޝަނުން ގެންދިޔަ 1000 ކިލޯވޯޓްގެ އާ ޖެންސެޓެއް އިންސްޓޯލްކޮށް، ބޭނުން ކުރަން ފަށައިފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ފެނަކައިން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައެވެ.
ފެނަކައިން މި ޕޯސްޓުގައި ބުނެފައިވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ވެލިދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އެ ރަށަށް ގެންދެވުނު 1000 ކިލޯވޯޓްގެ ޖެންސެޓް މިހާރު ވަނީ އިންސްޓޯލްކޮށް ޚިދުމަތަށް ބޭނުންކުރަން ފަށާފައި ކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޙައްޤުތައް ކަމަށްވާ ފެނާއި ނަރުދަމާ އަދި ކަރަންޓު ދެމެހެއްޓެނިވި ގޮތެއްގައި ފޯރު ކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. މި ވައުދު ފުއްދުމަށް ފެނަކައިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މީގެ އިތުރުން، ކަރަންޓުގެ މައްސަލަ ދިމާވެފައިވާ އެހެން ރަށްތަކަށް ބޭނުންވާ އާ ޖެންސެޓްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ފެނަކައިން ކުރިއަށް ގެންދާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ. މި ގޮތުން، ފެނަކައިން ވަރަށް ފަހުން ޖަނަރޭޓަރުތައް ހޯދުމަށް އިޢުލާނެއް ކޮށްފައިވެއެވެ.
ފެނަކައިން ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ކުންފުނިން ބޭނުންވަނީ 250 ކިލޯވޮޓްގެ ޖަނަރޭޓަރުން ފެށިގެން 1600 ކިލޯވޮޓްގެ ޖަނަރޭޓަރު ގަތުމަށެވެ. އެންމެ ގިނައިން ބޭނުންވަނީ 6000 ކިލޯވޮޓްގެ ޖަނަރޭޓަރުގެ 8 ސެޓެވެ. އަދި އެންމެ މަދުން ބޭނުންވަނީ 1600 ކިލޯވޮޓްގެ ޖަނަރޭޓަރުގެ 2 ސެޓެވެ.

