ބުދަ ދުވަހުން ފެށިގެން 5 ދުވަހަށް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރައްވައިފިއެވެ.
މިއަދު މޫސުމާބެހޭ ގައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރު މިވަނީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށެވެ. އަދި މި ދުވަސްވަރަކީ ކޮޅިގަނޑުތައް އުފެދުމުގެ ފުރުސަތު އޮންނަ ދުވަސްވަރެއް ކަމަށްވެސް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
މެޓް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ބަންގާޅު ކަނޑުގައި މިއަދުގެ ވަގުތެއްގައި ކޮޅިގަނޑެއް އުފެދި ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި ދެކުނު އިންޑިއާގެ ޓެމިލްނާޑޫގެ އައްސޭރިފަށާ ދިމާއަށް ޖެހޭނެ ކަމަށް ލަފާ ކުރެވެއެވެ. މީގެ އިތުރުން ރާއްޖެއާ ދުރުން ދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދި ހުޅަނގަށް ޖެހެމުން ދާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މި ދެ ކޮޅިގަނޑާ ގުޅިގެން އަންނަ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދުގެ އާންމު ވައި ބާރުވާނެ ކަމަށް ބެލެވެއެވެ. އެގޮތުން، މި މުއްދަތުގައި ދެކުނާއި މެދުރާއްޖެ ތެރެއަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އުތުރުގެ އަތޮޅުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވެއެވެ.
ވައިގަދުވުމުގެ ސަބަބުން އުތުރުގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭއިރު ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވެއެވެ. އަދި މި ދުވަސްވަރު ގަދަވަޔާއި ވިއްސާރަކޮށް ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 50 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
މީގެ އިތުރުން މި މުއްދަތުގައި ދެކުނާއި މެދުރާއްޖެތެރޭގެ ސަރަހައްދަށް އުދައިގެ އަސަރު ކުރާނެ ކަމަށް އެކަށީގެންވާ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާ ކުރެއެވެ.
މޫސުން ގޯސްވާނެތީ ހުރިހާ ފަރާތްތަކުންވެސް، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން އެ އިދާރާއިން ނެރެމުންދާ އެންމެފަހުގެ މޫސުމީ ހަބަރުތަކާއި ސަމާލުތަކަށް އިސްކަންދިނުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

