ދުނިޔެ ހޫނުވާ މިންވަރު ކުޑަކޮށް، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށްޓަކައި، ހުރިހާ ގައުމުތަކުގެ ވެއްޓަށް ފެތޭ، އިންސާފުވެރި މޫސުމީ ސިޔާސަތެއް މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ބޭއްވުނު “ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން”ގެ ތިންވަނަ ބައްދަލުވުމުގެ އިފުތިތާހީ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސް ވަނީ ދިވެހިންގެ ޝަޚްޞު އަދި އިޤްތިޞާދު ބިނާކުރުމުގައި ކަނޑުގެ ދިރުންތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ފަތުރުވެރިކަމާއި މަސްވެރިކަމަކީ ދިވެހިރާއްޖޭގެ އާމްދަނީގެ މައިގަނޑު ދެ ދާއިރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ގަވާއިދާ ހިލާފަށް ކުރާ އައި.ޔޫ.ޔޫ (އިލީގަލް، އަންރިޕޯޓަޑް އެންޑް އަންރެގިއުލޭޓަޑް) މަސްވެރިކަމުގެ ސަބަބުން ދިވެހި މަސްކަނޑުތަކުގެ ސްޓޮކަށާއި، މަސްވެރިންގެ އާމްދަނީއަށް އަދި ކާބޯތަކެތީގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކުރެއެވެ. އެހެންނަމަވެސް، ދިވެހިން ޒަމާނުއްސުރެ ކުރަމުން އަންނަ ދޮށީގެ މަސްވެރިކަމަކީ ކަނޑުގެ ދިރުންތައް ހިމާޔަތްކޮށްދޭ، ދެމެހެއްޓެނިވި މަސްވެރިކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މޫސުމީ ބަދަލުތަކުގެ ވާހަކަ ދައްކަވަމުން، ނައިބު ރައީސް ވިދާޅުވީ މި ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން ނާއިންސާފު މިންވަރަކަށް ތަޙައްމަލުކުރަންޖެހޭ ކަމަށެވެ. އަދި މި އަސަރުތަކަށް އަހުލުވެރިވެ ހޭނުމަށާއި، އަސަރުތައް ކުޑަކުރުމަށް ރާއްޖެއިން މަސައްކަތް ކުރަމުން ދަނީ މަދު ވަސީލަތްތަކެއް ބޭނުން ކޮށްގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނައިބުރައީސް ވާހަކަފުޅު ނިންމަވާލެއްވީ، ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ހަރުދަނާ ގުޅުން ފާހަގަކުރައްވައި، ބަރޯސާވެވޭ ބައިވެރިއެއްގެ ގޮތުގައި ޗައިނާއިން އަދާކުރާ ދައުރަށްޓަކައި ޝުކުރު އަދާކުރައްވަމުންނެވެ.

