ރައީސަށް ބަހުލޫލު ލަވަ ކީ ރ.ދުވާފަރު ކައުންސިލް މެމްބަރު މަރިޔަމް ޔަޝްފާ ފުލުހަށް ހާޒިރު ނުކުރަން ނިންމައިފިއެވެ.
ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީން ބޭއްވި ބޮޑު ޖަލްސާގައި “ތީ ބަހުލޫލެކޭ” ލަވަ ކީ ޔަޝްފާ ފުލުހަށް ހާޒިރު ވާން އަންގާ ޗިޓް ފޮނުވި ނަމަވެސް، މިހާރު އޭނާ ފުލުހަށް ހާޒިރު ނުކުރަން ނިންމާފައިވާ ކަމަށް، ޔަޝްފާގެ ވަކީލު ވިދާޅުވެފައިވެއެވެ. ހާޒިރު ނުކުރަން ނިންމި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން “ރާއްޖެ” ނޫހުން މީގެ ކުރިން، ކުރި ސުވާލަކަށް ޖަވާބު ދެމުން ރ. ދުވާފަރު ކައުންސިލް މެމްބަރުކަން ވެސް ކުރައްވާ ޔަޝްފާ ވިދާޅުވީ، ނޮވެމްބަރު 11 ވަނަ ދުވަހު ދަނޑިކޮށީ ޖަގަހައިގައި ދެއްކި ވާހަކައަކާ ގުޅިގެން ކަމަށް ބުނެ އޭނާ ފުލުހަށް ހާޒިރުވާން އެންގި އިރު، މަސް ދުވަސް ވެގެން ދިޔައިރު ވެސް އެ ބުނާ މައްސަލަ ބަލާފައި ނުވާ ކަމަށެވެ. ނަމަވެސް އެމްޑީޕީން “ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން” ނަމުގައި ބޭއްވި ޖަލްސާގައި އޭނާ ހުށަހެޅި “ތީ ބަހުލޫލެކޭ” ލަވައާ ގުޅިގެން ފުލުހަށް ހާޒިރު ކުރަން އެކަން މައްސަލަ އަކަށް ހެދީ ކަމުގައެވެ.
ޔަޝްފާ އަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ، “2024 ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ޗާންދަނީމަގުގައި ހުންނަ އެ ޕާޓީގެ ޖަގަހައިގައި ކުރިއަށް ދިއަ ކައުންސިލަރުންގެ ހަރުގެ ޖަލްސާގައި، ރ. ދުވާފަރު، ދޮންވެލި، މަރިޔަމް ޔަޝްފާ ވާހަކަ ދައްކަމުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ފުރާނައަށް ނުރައްކަވާގޮތަށް ޢަމަލުކުރުމަށް ގޮވާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތުހުމަތުގައި ސުވާލުކޮށް ބަޔާނެއް ނެގުމަށް” ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވުމަށް ޗިޓު ފޮނުވާ ކަމަށެވެ.
ދަނޑިކޮށީ ޖަގަހައިގައި، ވާހަކަ ފެއްޓުމުގެ ކުރިން ޔަޝްފާ ހުށަހެޅި ބަންޖަކީ، “އިމެއް ނެތޭ، މިނެއް ނެތޭ، ދިރެއް ނެތޭ، ބިރެއް ނެތޭ. ގޮތެއް ނެތޭ، ފޮތެއް ނެތޭ، ލަދެއް ނެތޭ، ހަޔާތް ނެތޭ” އެވެ.
ޖަލްސާ ނިންމާލަމުން ކީ ރައިވަރަކީ “ރައިވަރުން އަހަރެނާ، ފައިނުމާނޭ ހަމަ ހިލާ. އައި ކަމަކު ނިޔަތުގާ، އަނގަ ބެދޭނޭ ދޮގު ބެޔާ. ރައިވަރުން ވާދަކޮށްލަން އައި ސޮރާ، ދޮގު ހަދަން މޮޅު ހޮޅިގަނޑާ. ރައްޔިތުން އިނދަޖައްސާ ކުރަގަނޑާ، ރައްޔިތުން ނިކުމެ ހަވަރަށް ދެމާ.” އެވެ.
ޕޯޑިއަމް ތަކުގައި ވަރަށް ފޯރީގައި ވާހަކަ ދައްކާ ޔަޝްފާ އަކީ ވާހަކައިގެ ތެރޭގައި މީހުން ޝައުގުވެރިވާ ޒާތުގެ ޅެމާއި ބަނދި ހިމަނާ ފަރާތެއްކަން ވަނީ ފާހަގަ ކުރެވިއެވެ.

