އާސަންދަ އާއި ސަބްސިޑީ ދިނުމުގައި ވަމުންދާ އިސްރާފު ކުޑަކުރަން ސަރުކާރުން އަޅަން ފަށާފައިވާ ފިޔަވަޅުތަކާއެކު އެ ކަންކަމަށް ދައުލަތުން ކުރާ ޚަރަދު ކުޑަވާން ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ ފަސްވަނަ ދުވަހާ ހަމައަށް އާސަންދައަށް ޚަރަދުކޮށްފައިވަނީ 1.88 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 1.98 ބިލިއަން ރުފިޔާއަށްވުރެ 101 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ކޮންމެ އަހަރަކުވެސް ބަޖެޓުކުރާ އަދަދަށްވުރެ އެތައް މިލިއަން ރުފިޔާއެއް އިތުރަށް އާސަންދައަށް ޚަރަދުވަމުން އައި ނަމަވެސް، މި އަހަރު އެކަން ތަފާތުވެފައިވެއެވެ. މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅާފައިވާ 1.99 ބިލިއަން ރުފިޔާގެ ބަޖެޓަށްވުރެ އިތުރަށް އަދި ޚަރަދެއް ނުވާކަން ފާހަގަކުރެވެއެވެ.
ސަބްސިޑީ ދިނުމަށް ދައުލަތުން ކުރި ޚަރަދަށް ބަލާއިރު، މި މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ސަބްސިޑީގެ ގޮތުގައި ޚަރަދުކޮށްފައިވަނީ 3.44 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 3.68 ބިލިއަން ރުފިޔާއަށްވުރެ 233 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ނަމަވެސް، ސަބްސިޑީ ދިނުމަށް މިހާތަނަށް ޚަރަދުކުރެވިފައިވާ 3.44 ބިލިއަން ރުފިޔާއަކީ މި އަހަރަށް ބަޖެޓް ކުރި 2.8 ބިލިއަން ރުފިޔާއަށްވުރެ 614 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

