ކަނޑުތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝިޔާމު މިހެން ވިދާޅުވެފައިވަނީ ޗައިނާގެ ކުންމިންގުގައި ކުރިއަށްދާ ޗައިނާ – އިންޑިއަން އޯޝަން ރީޖަން ފޯރަމުގެ ތީމަޓިކް ޑިސްކަޝަން އޮން "ދަ އޯޝަން ޑިކޭޑު އޮފް ޔުނައިޓެޑް ނޭޝަންސް އިން ދަ ކޮންޓެކްސް އޮފް ގްލޯބަލް ޑިވެލޮޕްމަންޓު އިނިޝިއޭޓިވް" ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މި ޑިސްކަޝަންގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމު ވިދާޅުވީ ކަނޑުތަކަކީ ހަމައެކަނި ވަސީލަތްތަކަށްވުރެ މާ ބޮޑު އެއްޗެއްކަމަށާއި، ކަނޑުތަކަކީ ދިވެހިންގެ މުޅި ދިރިއުޅުމާއި ގުޅިފައިވާ އެއްޗަކަށްވާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ކުރީ ސަފުގައި އޮތީ މި ނާޒުކު ކަނޑުތައް ކަމަށެވެ.
ވަޒީރު ވިދާޅުވީ އޯޝަން ޑެކޭޑަކީ ކަނޑުތަކަށް ކުރިމަތިވެފައިވާ ކުރިން ނުފެންނަ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި ސައިންޓިފިކް ފަންނުވެރިކަމާއި، ސިޔާސަތުގެ މުހިއްމުކަމާއި ޖަމާޢަތުގެ ފިޔަވަޅުތައް އެއްބައިވަންތަ ކުރުމަށް މަސައްކަތްކުރަން ލިބޭ ފުރުސަތެއް ކަމަށެވެ. އަދި ސައިންސްއިން ނިންމުންތައް ނިންމުމުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ ދެމެހެއްޓެނިވި މިސްރާބަކަށް ދިޔުމަށް އިސްކަންދޭން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ރާއްޖެއަށް އޯޝަން ޑެކޭޑާއި ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވް (ޖީޑީއައި) އިން ވެސް މަސްވެރި މުޖުތަމައުތައް ބާރުވެރިކޮށްދީ، ބަޔޯޑައިވަރސިޓީ ހިމަރސިޓީ ހިމާޔަތްކުރާ ހަމަހަމަ ކަނޑުގެ ދިރާސާ ސިޔާސަތުތަކަށް ވަކާލާތު ކުރުމުގެ ތަފާތު ފުރުސަތުތަކެއް ލިބިގެންދާކަމަށެވެ.
"އަވަހަށް ދާން ބޭނުންނަމަ އެކަނި ދާށެވެ. ދުރަށް ދާން ބޭނުންނަމަ އެކުގައި ދާށެވެ." މިހެން ވިދާޅުވެ ވަޒީރު ޝިޔާމު ވަނީ ދުނިޔެއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ޤައުމުތައް ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް އިޝާރާތްކުރައްވާފައެވެ. އަދި މިކަންކަމުގައި ޤައުމުތަކުގެ ވަސީލަތްތަކާއި، ތަޖުރިބާއާއި، ޚިޔާލު ހިއްސާކުރުން މުހިއްމު ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު ޝިޔާމު ވާހަކަފުޅު ނިންމަވާލެއްވީ ޤައުމުތައް އެކުގައި އޯޝަން ސައިންސްގެ މި ދިހަ އަހަރުގައި ނިންމާ ނިންމުންތަކުން، މުޖުތަމަޢުތައް ބާރުވެރިކޮށް، ބަޔޯޑައިވަރސިޓީ ރައްކާތެރިކޮށް، ކުރިއަށް އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މުސްތަޤްބަލެއް ކަށަވަރުކޮށްދެވިގެންދާނެ ކަމަށް ވިދާޅުވަމުންނެވެ.
މި ފޯރަމްގެ އޯޝަން ޑެކޭޑްގެ ޝިއާރަކީ "ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށް ބޭނުންވާ ސައިންސްގެ ކުރިއެރުންތައް" އެވެ. މި ފޯރަމްގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، ވަޒީރު ޝިޔާމު ވަނީ ޗައިނާގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

