ކޮންމެ އަހަރަކުވެސް އުރީދޫ މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބާއްވާ އުރީދޫ ފަން ރަން މި ހަފްތާ ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވަން ނިންމައިފި އެވެ.
އުރީދޫ ފަންރަން ގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު އަދިވެސް ހުޅުވާލައިފައި އޮތްއިރު އެ ރަން ހުކުރު ދުވަހު ފަށާނީ މެންދުރު 03:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުން ނެވެ.
އުރީދޫ ފަންރަން އަކީ ކޮންމެ އަހަރަކު އުރީދޫން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ ކުދި ބޮޑު އެންމެން ވެސް އެ ހަރަކާތަކަށް އިންތިޒާރު ކުރާ މަގުބޫލު ހަރަކާތެކެވެ. މި ރަންގެ މަގްސަދަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އާންމުންނަށް އަންގައިދިނުމެވެ.
އުރީދޫ ފަންރަންގެ ކިޓްތައް ލިބެން ހުންނަ ދެ ކެޓަގަރީއަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ އެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭއިރު އަގަކީ 100 ރުފިޔާ އެވެ. 210 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓް ބޭންޑަކާއި ފޮތި ދަބަސް އައިނު އަދި ބަންޑާނާ ހިމެނެ އެވެ.
ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ދުވުމަކީ، ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެ ދުވުމެކެވެ. އަދި މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުން ވެސް ދުވުން ނިންމިދާނެއެވެ.

