އެވިޑް ކޮލެޖުގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ގދ. ތިނަދޫގައި ބޭއްވުނު ހަފްލާގައި ވަރަށް ޚާއްސަ ޝަރަފުގެ އެވޯޑެއް އެވިޑް ކޮލެޖުން އަރުވައިފިއެވެ.
އެވިޑްކޮލެޖްގެ 16 ވަނަ އަހަރީ ދުވަހުގެ ޚާއްސަ ހަފްލާ ކުލަގަދަކޮށް ގދ. ތިނަދޫގައި މިރޭ ފާހަގަކޮށްފިއެވެ. މި ހަފްލާ ޚާއްސަވެގެންދަނީ، އެވިޑް ކޮލެޖްގެ ޗެއަރމަން މުޝްތާޤް ރަޝާދުގެ އުފަން ރަށް ގދ. ތިނަދޫގައި މިތާރީޚީ ހަފްލާ ބޭއްވޭތީއެވެ.
އެވިޑް ކޮލެޖުގެ އަހަރީދުވަހުގެ މިތާރީޚީ ހަފްލާ ތިނަދޫގައި ފާހަގަކުރާކަމީ، ހުވަދު އަތޮޅުގެ ދަރިޔަކަށްވެފައި ފަޚުރުވެރިވާ ކަމެއްގެ ގޮތުގައި އެކޮލެޖްގެ ރެކްޓަރ ޑރ. ސުނީނާ ރަޝީދު ފާހަގަކުރެއްވިއެވެ. މިހަފުލާގައި އެރުވުނު ޝަރަފްގެ އެވޯޑާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އެކޮލެޖްގެ ފެކަލްޓީ އޮފް އާރޓްސް އެންޑް ލިޓްރެޗަގެ ޑީން އަލްފާޟިލް އަޝްރަފް އަލީ ހާމަކޮށްފައިވާގޮތުގައި، ޝަރަފްގެ އެވޯޑުގެ ގޮތުގައި މިރޭ އެރުވިގެންދިޔަ އެވޯޑަކީ، ތިނަދޫ ދެވަނަ ފަހަރަށް އަލުން އާބާދުވުމަށްފަހު، ފުރަތަމަ 16 އަހަރު ދުވަހު (1966 ން 1982) ތަޢުލީމީ ރޮގުން ތިނަދޫއަށް ޚިދުމަތްކޮށްދީފައިވާ ފަރާތްތަކުގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެއް ކަމަށެވެ. މިގޮތުން މިއެވޯޑު 64 ފަރާތަކަށް މިރޭގެ ހަފުލާގައި ދެވިގެން ދިޔައެވެ.
މީރޭ ކުރިޔަށް ދިޔަ ރަސްމިއްޔާތުގައި އެވިޑް ޝަރަފުގެ އެވޯޑް އަރުވަނީ
އެވިޑްގެ ޝަރަފުގެ އެވޯޑު ދެކެޓަގަރީއަކަށް ވަނީ ބަހާލެވިފައެވެ. ފުރަތަމަ ކެޓަގަރީގައި ހިމެނިގެން ދިޔައީ، މިއެވޯޑަށް ހޮވި އަދި މިވަގުތު ދުނިޔޭގައި ތިއްބެވި 30 ބޭފުޅުންނެވެ. ދެވަނަ ކެޓަގަރީގައި ހިމެނެނީ، ތިނަދޫއަށް ތަޢުލީމީ ރޮގުން ޚިދުމަތް ކޮށްދެއްވާފައިވާ އަދި މިވަގުތު ދުނިޔެއިން ވަކިވެފައިވާ 34 ފަރާތެކެވެ. މިފަރާތްތަކުގެ އެވޯޑް ހަވާލުކުރެވިގެން ދިޔައީ އާއިލާއަށެވެ.
އެވިޑް ކޮލެޖުގެ 16 ވަނަ އަހަރީ ދުވަހުގެ ޚާއްސަ ހަފްލާ، ތިނަދޫގައި ބާއްވައި ތިނަދޫ ދެވަނަ ފަހަރަށް އަލުން އާބާދުވެގެން ހިގައިދިޔަ 16 އަހަރުގެ ތެރޭގައި ތަޢުލީމީ ރޮގުން ތިނަދޫއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ފަރާތްތަކަށް މިފަދަ ޝަރަފްވެރިކަމުގެ އެވޯޑްތަކެއް ދެއްވުމީ، އެވިޑްގެ ޗެއާމަން ތިނަދޫ އާއި ހުވަދު އަތޮޅުގެ ތަޢުލީމަށް ދެއްވާ ޚާއްސަކަން ދައްކުވައިދޭ އަލިގަދަ ހެއްކެކެވެ.
އުފަންރަށް ތިނަދޫގައި، ޚާއްސަ ކެމްޕަހެއް ހުޅުވައި، އެވިޑްކޮލެޖުން ކުރިޔަށްގެންދާ ހުރިހާ ކޯސްތަކެއް ތިނަދޫގައި ތިބެގެން ހުވަދު އަތޮޅުގެ ދަރިންނަށް ކިޔެވުމުގެ ފުރުޞަތު ހުޅުވައި ދިނުމަކީ، ހުވަދު އަތޮޅުގެ ރައްޔިތުންނާއި، ތިނަދޫގެ ރައްޔިތުން ލޯތްބާއި އިޙްތިރާމާއި އެކު އަބަދުވެސް ބަލައިގަންނަ ކަމެކެވެ.

