ރާއްޖެއަށް އަހަރަކު 2 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. ކުޑަކުޑަ ރާއްޖެއަށް މުޅި ދުނިޔޭގެ 1 ވަނަ ފަތުރުވެރިންގެ މަންޒިލަށްވުމީވެސް އާދައިގެ ކަމެއް ނޫނެވެ.
އެހެންނަމަވެސް އެކަން ބަދަލުވާން މާގިނަ ދުވަހެއް ނެތެވެ. މިމަހު 25 ވަނަ ދުވަހަކީ ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ހަމަވާނެ ދުވަސް ކަމަށް މިނިސްޓްރީން އަންދާޒާ ކޮށްފައިވާ ދުވަހެވެ.
ޓޫރިސްޓުން މިހާރު އަންނަ އަދަދުން ބަލާނަމަ ރާއްޖެއަށް ދެ މިލިއަން ހަމަވާނެ ކަމަށް އަންދާޒާ ކުރެވެނީ މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. މިހާރު ދެ މިލިއަނަށް ބާކީ އަންނަން ޖެހެނީ 70,954 ފަތުރުވެރިންނަށް ވާއިރު މިހާރު އެވްރެޖު ޑެއިލީ އެރައިވަލް ހުރި އަދަދުން ބަލާނަމަ ދެ މިލިއަން ހަމަވެ އިތުރުވުމުގެ ފުރުސަތު ވެސް އެބައޮތެވެ.
މިމަހުގެ 15 ވަނަ ދުވަހު 8,934 ފަތުރުވެރިން އައިސްފައިވެ އެވެ. އަދި ޖުމްލަ ފަތުުރުވެރިންގެ އަދަދު ވަނީ ނުވަ ޕަސެންޓު އިތުރުވެފަ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޗެއާމަން އަބްދުﷲ ގިޔާސް އިއްޔެ މިރާ އަށް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ޑެއިލީ އެރައިވަލްސް 11،000 އަށް އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1,929,046 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރި 1,769,872 ފަތުރުވެރިންނާ އަޅާބަލާއިރު ނުވަ ޕަސެންޓުގެ ކުރިއެރުމެކެވެ. މި ކަމުން އެކަނި ވެސް އެރައިވަލްްސް ނުވަތަ ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަަދަށް އިތުރު ދިރުމެއް ލިބިފައިވާކަން ހާމަވެގެންދެއެވެ.
މީގެ އިތުރުން އާ އަހަރުގެ ޗުއްޓީއާ ދިމާކޮށް ރާއްޖެ އަންނަ ޖެޓުތައް އިތުރުވާން ފަށައިފައިވާއިރު ޓޫރިޒަމަށް އޮތް އަނެއް އުންމީދަކީ އެއާ ފްރާންސުގެ އުދުހުންތައް އަންނަ ހަފުތާގެ ދުވަހެއްގައި ފެށުމެވެ. މިއާއެކު މިހާރު ޑެއިލީ އެރައިވަލްސް ނުވަތަ ދުވާލެއްގެ މައްޗަށް އަންނަ ފަތުުރުވެރިންގެ އަދަދު ބޮޑުތަނުން އުފުލިގެން ގޮއްސިއެެވެ.

