އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ރ. އިނގުރައިދޫ ކައުންސިލާއި ބައްދަލުކޮށްފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ރ. އިނގުރައިދޫއަށް ކުރާ ދަތުރަކީ، ރަށު ކައުންސިލާއި ގުޅިގެން އެ ރަށުގައި "ހާލު ކިހިނެއް؟" ޕްރޮގްރާމު ކުރިއަށް ގެންދިއުމާއެކު، ރަށުގެ އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ދެނެގަތުމާއި، އަދި ވުޒާރާއިން ހިންގާ ބައެއް މުހިންމު ޕްރޮގްރާމްތައް ރަށުގައި ކުރިއަށް ގެންދިއުމަށް ކުރާ ދަތުރެކެވެ.
މި ދަތުރުގައި ބެލެނިވެރިންނަށް ޚާއްސަކޮށްގެން ހޭލުންތެރިކަމުގެ ސެޝަންތައް ކުރިއަށް ގެންދިއުމާއި، އިސްރަށްވެހިންނަށް ޚާއްސަކޮށް ތަފާތު ޕްރޮގްރާމުތަކެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އިނގުރައިދޫ ކައުންސިލުން ވަނީ ވުޒާރާގެ ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ރަށުގެ މުއައްސަސާތަކުން ވެސް ގެންދަނީ، ވުޒާރާއިން ހިންގާ ޕްރޮގްރާމުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

