މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ނ.ހެނބަދޫ އަށް ބޯކޮށް ވާރޭވެހި، 75 ގެއަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފައިވެއެވެ.
އެރަށުން ނޫހަކަށް މައުލޫމާތު ދިން ފަރާތަކުން ބުނީ މިއަދު ހެނދުނު އެރަށަށް ހުއްޓުމެއްނެތި ދެ ގަޑިއިރު ވާރޭވެހުމާއި އެކު އެރަށުގެ ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އެގޮތުން ރަށުގެ ބައެއް ސަރަހައްދުތަކުގައި 2 ފޫޓަށް ވުރެ ބޮޑަށް ފެން ބޮޑުވެފައިވާކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ހެނބަދޫ ފެންބޮޑު ވެފައި: ފޮޓޯ/ އެންޑީއެމްއޭ
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތީރިޓީން ހާމަކޮށްފައިވާ ގޮތުގައި މިއަދު ހެނދުނު ނ.ހެނބަދޫއަށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ 75 ގެއަކަށް ވަނީ ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. އަދި ހެނބަދޫ ކައުންސިލާއި އެމް.އެން.ޑީ.އެފް ގެ އެހީތެރިކަމާއެކު ފެން ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ. މީގެ އިތުރުން އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ދަނީ ކުރަމުން ކަމަށެވެ.
މިއަދުގެ ވަގުތެއްގައި މެޓުން ވަނީ ށ އަތޮޅުން ފެށިގެން އދ އަތޮޅަށް ރީނދޫ ސަމާލު ނެރެ މޫސުން ގޯސްވާނެ ކަމަށް ހާމަކޮށްފައެވެ.

